

ރާއްޖެޓީވީން ގެނެސްދިން "ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.
ރާއްޖެޓީވީން ނިމިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓް ބެލުމަށް ފަހު މައްސަލަ ބެލުމަށް ނިންމާފައިވާކަމަށް ރާއްޖެޓީވީއަށްވަނީ ލިޔުމެއް ފޮނުވާފަވެއެވެ.
އެގޮތުން އެމައްސަލަ ބަލާ ވަކި ގޮތެއް ކަނޑައަޅަންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ބްރޮޑްކޮމްއިން ވަނީ އެދިފައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭކަމަށް ބުނެ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުންދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.
ނަމަވެސް ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ އޮޕޮޒިޝަން މީޑިއާއަކަށް ޖެއްސުން ކުރުމަށްކަން ދޭހަވާ ފަދަ މޭރުމަކުން ދަނީ މަންޒަރުތައް ފެންނަމުންނެވެ.