

ގައުމުގެ ހަރު މުދާ އެއްވެސް ސަރުކާރަކަށް ނުވިއްކޭނެކަމަށް ގާނޫނު އަސާސީގައި ލިޔެ ފާސްކުރަން ޖެހޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދާދި ފަހުން، އެންޓި ޑިފެކްޝަން ގާނޫނަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ދިވެހިންނަށް މުހިއްމީ އެފަދަ އިސްލާހުތަކެއް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހުރިހާ ބާރެއް ދެވޭނެ ގޮތަށް ގާނޫނުތައް އިސްލާހު ކުރުން ނޫން ކަމަށެވެ.
އެގޮތުން އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ގައުމުގެ ހަރުމުދާ ވިއްކި އުސޫލުން މިއަދުގެ ސަރުކާރުންވެސް ހަރު މުދާ ވިއްކަން ފޫގެޅިކަން ފާހަގަކުރައްވާފައެވެ.
މުއިއްޒުގެ ވެސް އެންމެ ފުރަތަމަ އަޑު އިވުނީ މާލޭގައި އޮތް ސީޕޯޓު ވިއްކާ ވާހަކަ. އަޅުގަޑުމެން ލައްކަ ހަޅޭއްލަވައިގެން މިހާރު މަޑުޖެހިފައި އޮތީ. އެކަމު މި މީހުންވެސް ލަސްވެފައި އެ ތިބީ. މަތިގެއާ ތިރިގެއާ އިސްލާހު ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން އިސްލާހު ގެނައުންހޭ ރައްޔިތުންނަށް ފައިދާ ބޮޑީ، ނޫނީ ގާނޫނު އަސާސީގައި މުތުލަގަށް ލިޔަންވީ އެއްވެސް ސަރުކާރަކަށް ހުއްދަ އޮންނަ ކަމަކަށް ނުވާންވީ ދައުލަތުގެ ހަރުމުދާ ވިއްކުން. އެއީ މިހާރު ގާނޫނު އަސާސީގައި ލިޔަން ޖެހޭ ކަމަކަށް ވެއްޖެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާ އެކުވެސް ކުރެވޭނެ ކަމެއް. އެއީ ހަމަ އަސާސީ ހައްގުގެ މާއްދާ އޮންނަ ފަދައިން ލިޔަން ޖެހޭ ކަމެއް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޮޑެތި އިންވެސްޓަރުންނަށް އެންކްރޯޗު ނުވެވޭނެ ކަންކަން ހުންނަ ކަމަށާ ނަމަވެސް ރާއްޖޭގައި އެއް ބަޔަކު މި ގެންގުޅެނީ ފީސަބީލިއްލާހި އުސޫލު ކަމަށެވެ.