ގއ. ވިލިނގިލި / އޭއޯ ނިއުސް
ހަބަރު
މޯލްޑިވިއަންއިން އުޅެނީ ކަންކަން އޮއްބާލަން، ބޯޓުގައި ވަސީލަތްތައް ހަމައެއް ނޫން: ޝިއުނާގެ ފިރިމީހާ
Mariyam Isaadha
މަރިޔަމް އިސާދާ
07 ފެބްރުއަރީ 2025
މާލެ ސިޓީ

ލިބެން ޖެހޭ ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން ނިޔާވި ޝިއުނާ ވަހީދު ނިޔާވީ މާލެ ފުރުވަން ކުއްޑޫއަށް ގެންގޮސް، އޭނާ ބަލާ އައި ބޯޓުގައި ބޭނުންވާ ވަރަށް ވަސީލަތް ނެތުމުން ނުފުރު ލަސްވުމުން ކަމަށް ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ހާމަކޮށްފިއެވެ.

ޝިއުނާއާ ތުއްތު ދަރިފުޅު ނިޔާވި ހާދިސާގެ މައުލޫމާތު "ތޭރަ އޮންލައިން"އާ ހިއްސާކުރަމުން ޝިފާޒު ވަނީ ކަން ހިނގި ގޮތް ވަރަށް ސާފުކޮށް ހާމަކޮށްފައެވެ.

އެގޮތުން ޝިއުނާ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން ދަތިވެގެން ކަމަށާ އެއާއެކު އެ ހޮސްޕިޓަލުން ޑޮކަޓަރު އޭނާ ބެލުމަށް ފަހު އޮކްސިޖަން ގުޅާ ބައިންދާފައި އިނީ ގޮނޑިއެއްގައި ކަމަށާ އިތުރު ފަރުވާއެއް ނުދޭކަމަށް ޝިފާޒު ކިޔައިދީފައިވެއެވެ. ނަމަވެސް ނަރުހުން ދޭތެރ ދޭތެރެއިން އައިސް ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު ބަލާ ހުރިހާކަމެއް ރަގަޅުކަމަށް ބުނަމުން ފިޔައެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ޝިއުނާގެ ހާލަތު އިތުރަށް ދަށަށް ދާން ފެށުމުން އިމަޖެންސީކޮށް ސިޒޭރިއަން ހަދަން ޑޮކަޓަރު ބޭނުންވެ އެކަން އާއިލާއާ ހިއްސާކުރިކަމަށް ވެއެވެ. އަދި އެއީ 50/50 ޗާންސްގެ އޮޕަރޭޝަނެއް ކަމަށާ އެހެންކަމުން ސަލާމަތް ކުރެވޭނީ ކޮންމެވެސް އެއް ފުރާނައެއް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށާ އެއާއެކު އޭނާ އެދުނީ މައިމީހާ ސަލާމަތްކޮށްދިނުމަށް ކަމަށާ އެގެ ފަހުން ދިން ފޯމުގައި ސޮއިކުރުމުން ހޮސްޕިޓަލުން ސިޒޭރިއަން ހަދާ ނިންމި ކަމަށްވެއެވެ.

ދަރިފުޅަކީ ދުވަސް ނުފުރާ ވިހެއި ކުއްޖެއްކަމުން ހުރީ ހަމައެކަނި ވިންދުކަމަށާ ފުއްޕާމޭވެސް މަސައްކަތްނުކުރާ ކަމަށް ވެސް ވެއެވެ.

އޭގެ ފަހުން ވެސް ޝިއުނާގެ ހާލު ރަގަޅުނުވެ އޮތުމަށް ފަހު އޮކްސިޖަން ގުޅާއިގެން މަޑު މަޑުން ސްޓޭބަލްވަމުން ދިޔަ ކަމަށާ އެއާއެކު ޑޮކްޓރު ލަފާދިނީ މާލެ ގެންދިއުމަށް ކަމަށް ޝިފާޒު ކިޔަދީފައިވެއެވެ.

އޭރު އެތައް ފަހަރެއްގެ މަތިން މާލެ އައުމަށް އާސަންދައިގެ ދަށުން ކަންކަން ހަމަ ޖައްސަން އޭނާ މަސައްކަތްކުރި ނަމަވެސް ދެ އެއާރއެމބިއުލަންސްވެސް ގްރައުންޑްވެފައި އޮތް ކަމަށް އޭނާއަށް މައުލޫމާތު ދިން ކަމަށްވެސް ޝިފާޒުވަނީ ކިޔައިދީފައެވެ.

އަނެއްކާވެސް ޑޮކްޓަރުގެ ލަފާގެ މަތިން އާސަންދައިގެ ދަށުން ފްލައިޓެއް ހަމަޖައްސަން މަސައްކަތްކޮށް މޯލްޑިވިއަންގެ ފްލައިޓެއް ހަމަޖެހުނީ އެރޭގެ 7:45 އަކަށް ކަމަށާ ޝިއުނާއާ ތުއްތު ދަރިފުޅު ގޮވައިގެން ކުއްޑޫއަށް ދިޔައީ މާލެ ގެންދިއުމަށް ކަމަށް ޝިފާޒު ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފްލައިޓު އަންނަން އޮތް ގަނޑިއަށް ފްލައިޓު ނައިސް ލަސްވުމުން ކުއްޑޫ އެއާޕޯޓުގައި ހުރި ކުއއްޖަކާ ވާހަކަ ދެއްކުމުން އެކުއްޖާ މައުލޫމާތުދިން ގޮތުގައި ފްލައިޓްވަނީ ކެންސަލްކޮށްލާފަައެވެ.

ފްލައިޓް ކެންސަލް ކުރި ސަބަބެއްވެސް އަދި ކެންސަލް ކުރި ކަމެއްވެސް އޭނާއަށް އަންގާފައި ނުވާކަން ޝިފާޒު ފާހަގަކޮށްފައިވެއެވެ. ދެން ފްލައިޓު ކެންސަލް ކުރި ސަބަބު ހޯދިއިރު ބަލިމީހާގެ އެހީތެރިޔާ އެދިގެން ކެންސަލްކުރީ ކަމަށްވެއެވެ. ނަމަވެސްއެއީ އާއިލާއިންވެސް އަދި އެނާވެސް ދެނަހުރި ކަމެއް ނޫން ކަމަށްވެއެވެ.

އޭގެ ފަހުން އަނެއްކާވެސް އެތައް މަސައްކަތެއް ކޮށްގެން އެރޭގެ 10:45 އާކަން އިރަށް މޯލްޑިވިއަންއިން ފްލައިޓެއް ހަމަޖައްސާދިނުމުން ފްލައިޓު އައިއިރު ޝިއުނާގެ އޮކްސިޖަން ލެވެލް އަނެއްކާވެސް ތިރިވާން ވަނީ ފަށާފައި ކަމަށާ އެހެންކަމުން ފްލައިޓުގައި ހުރި އޮކްސިޖަން ގުޅަން ބެލިއިރު ޝިއުނާއަށް ބޭނުންވާ ވަރަށް އޮކްސިޖަން ފްލައިޓުގައި ނެތް ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެގޮތުން ބޯޓުގައި ހުރީ 4 ވަރަކަށް ލީޓަރުގެ އޮކްސިޖަންކަމަށްވާއިރު ޝިއުނާއަށް ކޮންމެ 15 މިނިޓަކުން 18 ލީޓަރު އޮކްސިޖަން ބޭނުންކުރަމުން ދިޔަ ކަމަށެވެ.

ބޯޓުގައި ޝިއުނާއަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ކުއްޑޫއިން ވިލިގިއްޔަށް ގޮސް އަނެއްކާވެސް އޮކްސިޖަން ގެނެސް ބޯޓަށް އެރުވުމަށް އެދުމުން އެކަމަށް މޯލްޑިވިއަންއިން ހުއްދަނުދިން ކަމަށް ވެސް ޝިފާޒު ކިޔައިދީފައިވެއެވެ. ޝިއުނާ މަރުވި ފަހުން ބޯޓަށް އޮކްސިޖަން ފުޅި އަރުވަން ހުއްދި ދިން ކަމަށްވެސް ވެއެވެ.

ރަންވޭ މަތީ 1 ގަޑިއިރާ 45 މިނެޓު އެނާގެ އަންހެނުން ބެހެއްޓިފަހުން ޝިއުނާ ދުނިޔެ ދޫކުރިކަމަށް ޝިފާޒުވަނީ ކިޔައިދީފައެވެ. ޝިއުނާ ނިޔާވީ ކުއްޑޫ އެއާޕޯޓުގެ ރަންވޭ މައްޗަށް ކަމަށާ ކުއްޑޫ އެއާޕޯޓުގެ އަވަސްފަރުވާދޭ ކޮޓަރީގައި ނޫންކަމަށް ވެސް ޝިފާޒު ކިޔައިދީފައިވެއެވެ.

ޝިފާޒު ކިޔައިދިން ގޮތުގައި މާލެއިން ޝިއުނާ ބަލާ ދިޔަ ޑޮކްޓަރަށްވެސް ހަދާނެ ނުހަދާނެ ގޮތް ނޭނގި އެތައް ވަގުތެއް ބޭކާރުވި ކަމަަށާ ޝިއުނާ މާލެ ގެނެސް ފުރަނަ ސަލާމަތްކުރެވޭނެ ހާ ވަގުތު 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ލިބުނު ކަމަށްވެސް ޝިފާޒު ވަނީ ބުނެފައެވެ.

ޝިއުނާ ނިޔާވުމުން ތުއްތު ދަރިފުޅު ގޮވައިގެން ފްލައިޓު މާލެ އައި ކަމަށާ ނަމަވެސް ދަރިފުޅުވެސް މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ނިޔާވެފައި ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތުއްތު ދަރިފުޅުގެ ފުއްޕާމެއަށް ގުޅަން ޖެހެ ޓިއުބުވެސް އިނީ ކުއްޖާގެ ބަނޑަށް ގުޅާފައެވެ.

ޝިއުނާގެ ފިރިމީހާ ބުނެފައިވަނީ މިކަމުގައި އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށާ ބޭނުމީ އިންސާފު ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved