May 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 13, 2026, 11:01 PM
މާލެ ސިޓީ

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކޮންމެހެން ދާންޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ.

Advertisement

އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ބަލިމަޑުކަން އިތުރުވަމުންދާ ދުވަސްވަރެއް ކަމުން، ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުންނާއި އާންމުން ސިއްހީ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި އައިޖީއެމްއެޗުން ވަނީ ބައެއް މުހިންމު އިރުޝާދުތައް ދީފައެވެ. އޭގެ ތެރޭގައި ހުން އައިސް ގައިގައި ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ މާސްކު އަޅައިގެން ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުން މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ސާފުތާހިރުކަމަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، ކުޑަކުދިންނަށް ދޭންޖެހޭ ގައުމީ ތާވަލުގެ ވެކްސިންތައް ފުރިހަމަކުރުމަށްވެސް ހޮސްޕިޓަލުން ވަނީ ބާރުއަޅާފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މަދިރި އާލާވާ ތަންތަން ނައްތާލައި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް މި ހަފްތާގައި ދެ މީހަކު ޕޮޒިޓީވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނެފައިވަނީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved