މިއަދު ފޯމް ހުށަހަޅާ ކެންޑިޑޭޓުންގެ އަދަދު ގިނަކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމުގެ މުއްދަތު ފެބްރުއަރީ 14، ގައި ހަމަވާއިރު މިއަދު 46 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ބައެއް ކެނޑިޑޭޓުންނަށް، ހާއްސަކޮށް ކެމްޕެއިން އެކައުންޓު ހުޅުވުމުގައި ދަތިތައް ކުރިމަތިވަމުންދާ ދިއުމުގެ ޝަކުވާއާ ގުޅިގެން ހަބީބު ވިދާޅުވީ މި ދަތިތައް ހައްލުކުރަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ބުނެފައިވާ ކަމަށާއި، މިގޮތުން އެކައުންޓް ހުޅުވުމުގައި ދިމާވާ ދަތިތަކަށް މިހާރު ފަސޭހަވެގެންދާނެ ކަމަށެވެ.
މިއަދު ވަރަށް ގިނަ ބޭފުޅުން އެބަ ވަޑައިގަންނަވާ ފޯމް ހުށަހަޅުއްވަން. މިއަދު މިހާތަނަށް 46 ފޯމް ވަނީ ހުށަހަޅާފައި. އިއްޔެއާ ހަމައަށް ހުށަހަޅާފައި ވަނީ 26 ކެންޑިޑޭޓެއްގެ ފޯމު. އަޅުގަނޑުމެން އެދެނީ ލަސް ނުކުރައްވާ ވީހާވެސް އަވަހަށް ފޯމް ހުށަހެޅުއްވަމަށް.
ހަބީބު ވިދާޅުވީ ގާނޫނަށް ބަދަލު ނުގެންނަހާ ހިނދަކު ކުރިމަތިލުމުގެ މުއްދަތު އިތުރު ނުކޮށްދެވޭނެ ކަމަށާ އެއީ އީސީގެ އިހުތިމާލުގައި އޮތް ކަމެއް ނޫން ކަމަށެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމްތައް ބަލައިގަތުމަށް ދަރުބާރު ގޭގައި 16 ކައުންޓަރުން އަންނަނީ ހިދުމަތް ދެމުންނެވެ. މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އަދި މުއްދަތު އިތުރުކޮށް ނުދޭނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
އިންތިހާބު ރޯދައިގެ ފަހުން ބާއްވަން މިހާރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.