

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން އިއްޔެ ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.
އިއްޔެ އާއި މިއަދުގެ އަޑުއެހުމުގައި ވެސް މައިގަނޑު ގޮތެއްގައި އޮތް ކަމަކީ ހުރިހާ ހަސްމަކުން އެ އިއުތިރާޒީ ނުކުތާއާ މެދު ވާހަކަ ދެއްކުމާއި ފަނޑިޔާރުން ކުރައްވާ ސުވާލުތަކަށް ދައުލަތުންނާއި މައްސަލަ ހުށަހެޅި ފަރާތުން ޖަވާބު ދިނުމެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މިއަދު ބައިގަޑިއިރެއްހާ އިރަށް ފަނޑިޔާރުން އަޑުއެހުން މެދު ކަނޑައިލި އެވެ. އެއީ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނިންމެވުމަށެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން، އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މިއަދު ނިންމެވީ އެ ކަމާ ގުޅޭގޮތުން މައްސަލާގައި ހުކުމް ކުރާއިރު ގޮތް ކަނޑައެޅުމަށެވެ. އަދި މިވަގުތު އެ މައްސަލަ ކުރިއަށް ގެންދަން ފަނޑިޔާރުން ނިންމެވި އެވެ. އަދި އަލީ ހުސެއިން ހުށަހެޅުއްވި މައްސަަލައަށް ޖަވާބުދާރީވުމަށް ދައުލަތަށް 10 ދުވަސް ދެއްވި އެވެ.
ފަނޑިޔާރުން އެގޮތަށް ނިންމުމުން ވެސް ދައުލަތުން ވަނީ އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ފަނޑިޔާރުން ނިންމެވި ގޮތެއް ދުރާލާ ދައުލަތަށް ފޮނުވޭނެ ގޮތެއް އޮތްނަމަ، އެކަން ކޮށްދެއްވުމަށް އެދިފަ އެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމުން ބަދަލެއް ނުކުރައްވަ އެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން އަލީ ހުސެއިންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ އެކަމަށްޓަކައި ފާސްކުރާ ގާނޫނަކުން ކަމަށާއި އެހެންކަމުން، "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ ސަބަބެއް އޮވެގެން ކަމަށެވެ.
ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށްގެންދިޔުމަށް އަދި މި މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށް،
އެހެންވެ، ދައުލަތުގެ ފަރާތުން ވަނީ މި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ދޭން އެދިފަ އެވެ. ޝަރީއަތުން ނިންމީ ދައުލަތުން އެދުނު ގޮތަށް އެ މުއްދަތު ދޭށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހިލާފު ކަމަށް ފާހަގަކޮށްފައިވެ އެވެ. އެއީ؛ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާ އެވެ.
އަލީ ހުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ މި އިސްލާޙަކީ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.