

އިންޑިއާ އިން ހައިޑްރޯގްރަފީ ސާވޭ ހަދާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅުން ވެރިކަމަށް ވަޑައިގެން ދިވެހި ކަނޑުގެ ސިއްރުތަައް ބަލައި ދިރާސާކޮށް ކަނޑުގައި ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ދީފިއެވެ.
ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ހޯމަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑުގައި ޗައިނާއިން ހަރުކުރަނީ ޑިވައިސްތަކެއް ކަމާއި އޭގެ ބަދަލުގައި ރަސްމީކޮށް ދިވެހި ސަރުކާރަށް މި ކޮށްދޭ ކަމަކީ ހަމައެކަނި ތަމްރީނުތަކެއް ކުރިއަށްގެންދިއުންކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.
އެގޮތުން ވައި، އޮއި، އަޑު، ސެލިނިޓީ އަދި ފިނިހޫނުމިން ބެލުމުގެ ފުރުސަތު ޗައިނާއަށް ފަހިވާނެ އެވެ.
ނަމަވެސް އެންމެ ކަންބޮޑުވާ މައްސަލައަކީ ސޯނާ ނުވަތަ އަޑު ރިކޯޑުކޮށް މޮނީޓާ ކުރުމުގެ ފުރުސަތު ލިބުމެވެ.
އެ މަސައްކަތް ކުރަން ޗައިނާއިން ހަރު ކުރާ ޑިވައިސްތަކުން ސަބްމެރިން އަދި މަނަވަރު ހިމެނޭ ގޮތަށް ކަނޑުގައި އުޅަނދެއް ދުއްވިޔަސް އެނގޭނެހެން އަދި ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާ ނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.
ނަމަވެސް މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭ މައުލޫމާތު ޗައިނާގެ ހުއްދަ ނެތި ތިން ވަނަ ފަރާތަކަށް ނުދެވޭނެއެވެ. އެހެންކަމުން އެއްވެސް ޑޭޓާއެއް އެހެން ފަރާތަކަށް ދެވޭނީ ދެ ފަރާތުން އެއްބަސް ވެގެންނެވެ.
ރާއްޖޭގެ ކަނޑުގެ ސިއްރުތައް ދިރާސާ ކުރެވޭނެ އަދި އެހެން ގައުމުތަކަށް ޖާސޫސް ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއިރު، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ގައުމަކަށް ލިބުމަކީ މައްސަލައެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އަދި އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކުރިއަށް ގެންދާތީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު ނުކުރާކަންވެސް ފާހަގަކޮށްލެ ވެއެވެ.