

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީޕް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ (ޑީޖޭއޭ)ގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަނުކޮށްފި އެވެ.
ސީޖޭއޭގެ މަގާމުގައި ކުރިން ހުންނެވި އައިޝަތު ރިޒުނާ އެ މަގާމުން އިސްތިއުފާ ދެއްވީ 5 ސެޕްޓެމްބަރު 2024ގަ އެވެ. މަގާމު ހުސްކޮށް އޮންނަތާ 5 މަހަށް ވުރެ ގިނަ ދުވަސް ވެސް ވެއްޖެ އެވެ.
ޖޭއެސްސީން މިއަދު ބުނީ އިންޓަވިއު ޕެނަލުން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިފައިވަނީ އަމްޖަދަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަމްޖަދު މުސްތަފާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީޏް ބިޒްނެސް އެންމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވާފަ އެވެ.
އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފަ އެވެ.
ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމުގެ ގޮތުގައި ބަލައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހޮވޭ ބޭފުޅަކަށް 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.