ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ޕެރަލަލް މާކެޓެއް އޮތުމުން އެނގެނީ ޑޮލަރު ބޭންކުން ނުލިބޭކަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
20 ފެބްރުއަރީ 2025
މާލެ ސިޓީ

ދިވެހިރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އަދި ވެސް އެބައޮތް ކަމަށާ އެކަމުން ދޭހަވަނީ އަދިވެސް ރާއްޖޭގެ ބޭންކުތަކުން ޑޮލަރު ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ނުލިބޭކަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، ސަރުކާރުން ޑޮލަރު ތިޔާގިކޮށްފި ކަމަށް ބުނެ ސަރުކާރުގެ ބޮޓުންނާ އަދި އިގްތިސޯދީ ވަޒީރުވެސް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑޮލަރު ތިޔާގި ކަމަށް ސަރުކާރުގެ ބޭފުޅުން ބައިސާ ކނަޑަމުންދާއިރު، ގާނޫނަކުން ގެނައި ބަދަލާ އެކު ޑޮލަރު ސަރުކާރަށް ވަތް ނަމަވެސް ކަލު ބާޒާރުގައި ޑޮލަރުގެ އަގު ތިރި ނުވާ ކަމަށާ އޭގެން އަންގައިދެނީ ޑޮލަރުގެ ދަތިކަން އަދިވެސް ހުރި ކަން ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރަށް ޑޮލަރު ފަތުރުވެރިކަމުގެ ދާއިރާއިން ވަތް ނަމަވެސް އެ ޑޮލަރަކީ އާންމުންނަށް ގަންނަން ލިބޭނެ ޑޮލަރެއް ނޫން ކަމަށެވެ.

ސަރުކާރުގެ ބޮޓުންނާ ވަޒީރުން މި ބުނަނީ ކަޅު ބާޒާރުގައި ޑޮލަރު ހުރި މިވެނި ވަރަކަށޭ. މީގަ ނުކުންނަ މައްސަލައަކީ ކަޅު ބާޒާރުގައި އެ ބޭފުޅުން އެކްނޮލެޖު ކުރައްވާ ކުރެއްވުން. ޑޮލަރު ޕެކުކުރަން ޖެހޭނީ ޑޮލަރުގެ ރަސްމީ ރޭޓަށް. އެ ރޭޓާ ކައިރިނުވާ ކަމުގައި ވަންޏާ ޑޮލަރު ހަމަ އަގު ބޮޑު ޑޮލަރު ލިބެ ކަމަކަށް ނުވޭ. ދެން މިހާރު ކޮންމެވެސް ވަރަކަށް ތިޔާގިކަމެއް މިއުޅެނީ ޓުއަރިޒަމް ދާއިރާގެ ހޮޓެލިއަރުން މިއައި މަޖްބޫރުވެގެން އެމްއެމްއޭއިން ގަވާއިދަކުން މިގެނައި ބަދަލާ އެކު ޑޮލަރު އަތުވެއްޖެ. އެހެންނަމަވެސް އެ ޑޮލަރަކީ އާންމުކޮށް ގަންނަން ލިބޭ އެއްޗެއް ނޫން. ޕެރަލަލް މާކެޓެއް އޮންނަ އޮތުން މިސާލަކަށް 19.30 އިން 18.90 އަށް މިހެން އޮންނަ އޮތުން އޭގަ ދައްކައިދެނީ އަދިވެސް އެ ޑޮލަރު ތިޔާގިވެގެން ބޭންކުން މި 15.85 ގެ ރޭޓުން ނުލިބޭ ވާހަަކ އެ ބުނަނީ. އެހެންވީމަ ކޮންކަމެއްތޯ މި ތިޔާގިވެގެން މިވީ. ޑޮލަރު ބޭންކު ތެރެއިން ލިބޭކަމުގަ ވަންޏާ 15.85 އަކަށް ވުރެ ބޮޑުވެގެން ނުވާނެ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރެއް އޮތްކަމަށްވަންޏާ ކައުންޓަރފީޓު ފައިސާ ދައުރުވުމުގެ ކަންބޮޑުވުން އެބައޮތް ކަމަށާ އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދޭނީ ކޮންބައެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved