

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، ޖަވާބުދާރިވެވަޑައިގަންނަވަމުންނެވެ.
އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރާ ސިސްޓަމް ކަމަށާއި އާ ސިސްޓަމެއް ހޯދުމުގެ މަސައްކަތް ކުރަނިކޮށް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުނި ރަމްޒުކުރާ ލޯ ފާމަކުން "ލާސްޓް އެންޑް ފައިނަލް ނޯޓިސް" ގެ ނަމުގައި ސިޓީއެއް ސަރުކާރަށް ލިބުނު ކަމަށެވެ.
ރައީސް އޮފީހާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީއަށް އެ ސިޓީ ފޮނުވީ ޑިސެމްބަރު 24، 2023 ގައި ކަމަށާއި މިދިޔަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އެ ސިޓީ ލިބުނު ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.
މިމައްސަލައިގައި މެންބަރުން ރަނގަޅު ވާހަކައެއް ވިދާޅުވޭ، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެއްކުރައްވާފައިވާނަމަ މައްސަލަ ބަލަންޖެހޭކަމަށް. މިދިޔަ 5 އަހަރު ތެރޭގައި މިމައްސަލައަށް އިހުމާލުވެ އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާ ވާން އޮތް މައްސަލައެއްގައި ގެއްލުންދީފައި ވާތީއޭ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަހުގީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅާނަން
އިހްސާން ވިދާޅުވީ މިހާރު ހުރި އެކްސްޕެޓް ސިސްޓަމްގައި ފަންގްޝަން ހުރި ގޮތުން ރާއްޖޭގައި ބިދޭސީން އުޅޭ އަދަދާއި ބިދޭސީންނާ ގުޅޭ ފައިސާ ހޯދުމުގައި ދަތި އެބަހުރި ކަމަށެވެ. އެހެންކަމުން ބިދޭސީންނާ ގުޅޭ ފީތަކުގެ ގޮތުގައި ރަނގަޅު އަހަރެއްގައި ލިބެނީ 770 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ފައިސާވެސް ނުހޯދޭ ކަމަށެވެ.
އާ ސިސްޓަމާއެކު އެ އަދަދު 1.3 ބިލިއަން އިތުރުކުރެވޭނެ ކަމަށާއި އާ ސިސްޓަމް ބޭނުންކުރަން ނިންމީ އެހެންވެ ކަމަށް އިހްސާން ވިދާޅުވި އެވެ.