ބާ ކައުންސިލްގެ 2025 ވަނަ އަހަރުގެ އޭޖީއެމް / ދިވެހިރާއްޖޭގެ ބާ ކައުންސިލް
ހަބަރު
ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރާ ބިލު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ފެބްރުއަރީ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.

ބާ ކައުންސިލުން ބުނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން، ރައުޔާއި މައުލޫމާތު ހާމަކުރުމަކީ އެ ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންކަމުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ގޮތަށް މިއަދު މަޖިލީހުން ފާސްކުރި ބިލުގައި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ބޮޑެތި ކަންބޮޑުވުންތަކެއް ރައީސުލްޖުމްޙޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއާއި، ބަންޑާރަނައިބުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުކުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެކަމަކު އެ ބިލަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭފަދަ ބިލެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ބިލުގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި 7 ފަނޑިޔާރުންގެ ތެރެެއިން ދެ ފަނޑިޔާރަކު އެ މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި، ފަސް ދުވަސް ތެރޭގައި އެކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފް ކަމެކެވެ.

އެ ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ފެށުމުގެ ކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފައިވާ ކަމަށާއި، އެހެންވެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

ސަސްޕެންޑުކޮށްފައިވަނީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

މިއަދު މަޖިލީހުން ފާސްކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރާ ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

މި ބިލުގައި ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަށް ތާއީދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved