

ބާ ކައުންސިލުގެ އެގްޒެކަޓިވް ކޮމިޓީގެ ބައެއް މަގާމުތަކަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުވާލަދިނުމަށް އެދިއްޖެއެވެ.
މިފަދައިން އެދިވަޑައިގެންފައިވަނީ އެ ކައުންސިލްގެ މެމްބަރު، ގާނޫނީ ވަކީލު އަލްއުސްތާޛު އަސްއަދު ޝަރީފު އެ ކައުންސަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން ކައުންސިލްގެ ރައީސް އަލްއުސްތާޛު ހުސެއިން ސިރާޖަށް އެޑްރެސްކުރައްވާ އަސްއަދު ފޮނުއްވި ސިޓީގައިވަނީ އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށާއި، އެގްޒެކަޓިވް ކޮމިޓީގެ 4 މެންބަރުންގެ މަޤާމަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 26 މޭ 2025 ގައި ބޭއްވުމަށް އިޢުލާނުކޮށް، އެ ކަމަށް ކުރިމަތިލުމަށް ހުޅުވާލައި 2025 އޭޕްރީލް 28 ވަނަ ދުވަހު ކޮށްފައިވާ ސުރުޚީގައި ޙަވާލާދީފައިވާ އިޢުލާނުގެ ދަށުން އެގްޒެކަޓިވް ކޮމިޓީގެ ހަތަރު މެންބަރުންގެ މަޤާމަށް އެންމެ 3 (ތިނެއް) މެންބަރުން ކުރިމަތިލާފައިވާތީ 7 ކަމެއް ފާހަގަކުރައްވާފައެވެ.
އެ ސިޓީގައި އައްސަދުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި:
.1 26 މޭ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކީ، ބާ ކައުންސިލްގެ ނަންބަރު /2025/10IUL480/ އިޢުލާނާ އެއްގޮތަށް ބާއްވަންޖެހޭ އިންތިޚާބަކަށްވާއިރު، އިޢުލާނުގައި ކަނޑައެޅިފައިވާ ޢަދަދަށް މަޤާމުތަކަށް މީހުން ކުރިމަތިލާފައި ނުވާ ހާލަތުގައި، އިސްވެ ދެންނެވި އިޢުލާނާ އެއްގޮތަށް މިހާރު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކުން
.2 އިންތިޚާބުތަކަކީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަމާއެކު ވަކީލުންގެ މެދުގައި ކުރިއަށް ގެންދަންޖެހޭ ޕްރޮސެސްއެކެއްކަމުން އިސްވެ ދެންނެވި އިޢުލާނަށް ބަލާއިރު، އެގްޒެކަޓިވް ކޮމިޓީގެ 4 މެންބަރުންގެ މަޤާމަށް 4 މީހުނަށް ވުރެ މަދުން ކުރިމަތިލައިފި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތެއް ކުރިއާލާ، އިޢުލާނުގައި ބަޔާންކޮށްފައެއް ނުވުން
.3 އިސްވެ ދެންނެވި އިޢުލާނުގެ ދަށުން، އެގްޒެކަޓިވް ކޮމިޓީއަށް ކުރިމަތިލާފައިވަނީ 3 މީހުންކަމަށްވުން
.4 އިޢުލާނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބު ކުރިއަށް ގެންދިއުމަށް މަދުވެގެން 4 މީހުން ކުރިމަތިލާންޖެހުން
.5 އިޢުލާނުގައި ކަނޑައަޅާފައިވާ ޢަދަދަށް އިންތިޚާބީ މަޤާމުތަކަށް މީހުން ކުރިމަތިލާފައިނުވާނަމަ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމުތަކަށް މީހުން ކުރިމަތިލުމަށް ހުޅުވާލަންޖެހޭކަމަށް ދުށުން
.6 އިޢުލާނުގައި ކަނޑައަޅާފައިވާ ޢަދަދަށް އިންތިޚާބީ މަޤާމުތަކަށް މީހުން ކުރިމަތިލާފައިނުވާ ޙާލަތުގައި އެ އިޢުލާނުގެ ދަށުން ކަމަށް ބަޔާންކޮށް އިންތިޚާބެއް ބޭއްވި ނަމަވެސް، އެ އިންތިޚާބަކީ އެ އިޢުލާނާ އެއް ގޮތަށް ބޭއްވޭ ޞައްޙަ އިންތިޚާބެއް ކަމުގައި ނުވާނެކަމަށްވުން
.7 އިންތިހާބަށް މީހުން ކުރިމަތިލުމަށް އިޢުލާނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވެ، އެ އިއުލާނުގެ ދަށުން ކުރިމަތިލާފައިވާ 3 މީހުންނަކީ ކޮން ބައެއް ކަން އެނގޭފަހުން، އިއުލާނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް ހަމައެކަނި ކުރިމަތިލި 3 މީހުންގެ މަދުގައި އިންތިޚާބު ބޭއްވުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ވެސް ސުވާލު އުފެދޭނެ ކަމަކަށްވުން ހިމެނެއެވެ
އެހެންކަމުން ސިޓިގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ބާ ކައުންސިލްގެ ނަންބަރު /2025/10IUL480/ އިޢުލާނުގެ ދަށުން އެގްޒެކެޓިވް ކޮމިޓީގެ 4 މެންބަރުން ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި 4 މަޤާމުތަކަށް އަލުން ކުރިމަތިލެވޭގޮތަށް ވަކީލުންނަށް ފުރުޞަތު ހުޅުވާލުމަށް ދަންނަވައި، މިކަމާމެދު ބާ ކައުންސިލުން ނިންމަވާ ގޮތެއް ލިޔުމުން ޙިއްސާކޮށްދެއްވުމަށް އަސްއަދުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ. އަދި، އެ ކައުންސިލުން މިކަމާ މެދު ނިންމާ ގޮތެއްގެ ސަބަބުން ވަކީލުންގެ ޙައްޤު ގެއްލޭނަމަ އެކަމުގެ ޙައްލު ހޯދުމަށް އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަށް ގަސްތުކުރާ ވާހަކަ ވެސް އަސްއަދު ވަނީ ކައުންސިލްގެ ސަމާލުކަމަށް ގެންނަވާފައެވެ. އެހެންކަމުން މިކަންކަމާ މެދު ގޮތެއް ނިމެންދެން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ މުއްދަތަށް ޢަމަލު ކުރުމަށް ފަސްކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.