މަހާޒު އަދި އަޒްމިރަލްދާ ފަނޑިޔާރު / ސޯޝަލް މީޑިއާ
ހަބަރު
ދެ ފަނޑިޔާރުން ވަކިކުރަން ބާއްވާ މަޖިލިސް ހުޅުވާލައިގެން ބާއްވަން އެދެފި
Mariyam Isaadha
މަރިޔަމް އިސާދާ
05 މޭ 2025
މާލެ ސިޓީ

ސަސްޕެންޑް ކުރުމަށް ފަހު މަގާމުން ވަކިކުރަން ނިންމާފައިވާ، ދެ ފަނޑިޔާރުން ވަކިކުރަން ބާއްވާ މަޖިލިސް ހުޅުވާލައިގެން ބާއްވަން އެދެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރައްވާ ބައްދަލުވުން ހުޅުވާލައިގެން ބޭއްވުމަށް، އެދިފައިވަނީ ބާ ކައުންސިލުންނެވެ.

އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލު ލަތީފު ހައްޔަރު ކުރި މައްސަލައެއްގައި ކުރިނިމަލް ކޯޓުގެ ގާޒީއިންނަށް ނުފުޒު ފޯރުވި ކަމަށް ތުހުމަތުކޮށް މަހާޒުއާ އަޒްމިރަލްދާ ފަނޑިޔާރުންކަމުން ސަސްޕެންޑްކުރުމަށް ފަހު ޖޭއެސްސީއިން ބެލި މައްސަލައިގައި ފަނޑިޔާރުން ވަކިކުރަން ނިންމުމަށް ފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް އިއްޔެ ވަނީ ފޮނުވާފައެވެ.

އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރައީސްގެ މޭޒުން އިއުލާންކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، މިއަދު ޖުޑީޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވާފައެވެ. މިއަދުގެ ބައްދަލުވުން ނިންމާލީ، ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް މެމްބަރުން އިއްތިފާގުވެގެންނެވެ.

މި ކަމާ ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކޮށްފައިވަނީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށެވެ.

އެގޮތުން ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް ރިއާޔަތްކުރުމަށާއި ކޮމިޝަނުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކަމާ ގުޅުން ހުރި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދިނުމަށްވެސް ބާކައުންސިލުން އެދިފައިވެއެވެ.

ފަނޑިޔާރުން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދާރީވުމަށް އެކަށީގެންވަ ވަގުތު ދިނުމަށާއި ފަނޑިޔާރުންގެ އިއުތިރާޒް ނެތް ނަމަ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ބާ ކައުންސިލުން އެދިފައިވެއެވެ.

ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ އާއި މަހާޒުވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved