May 17, 2026
Advertisement
ޝަރުއީ ދާއިރާއާ ތަންފީޒީ އިދާރާތަކުން، ބާރުތައް ބޭނުންކުރަން ވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން: ބާރ ކައުންސިލް
ޝަރުއީ ދާއިރާއާ ތަންފީޒީ އިދާރާތަކުން، ބާރުތައް ބޭނުންކުރަން ވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން: ބާރ ކައުންސިލް / ޕީއެސްއެމް

ޝަރުއީ ދާއިރާއާ ތަންފީޒީ އިދާރާތަކުން، ބާރުތައް ބޭނުންކުރަން ވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން: ބާރ ކައުންސިލް

May 13, 2026, 09:05 PM
މާލެ ސިޓީ

ޝަރުއީ ދާއިރާއާ ތަންފީޒީ އިދާރާތަކުން، ބާރުތައް ބޭނުންކުރަން ވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން ކަމަށް ބާ ކައުންސިލުން ހާމަކޮށްފިއެވެ.

Advertisement

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ފަހަކަށް އައިސް ކުރިމިނަލް ކޯޓުގައި ހިނގި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކެއްގައި ނޫސްވެރިން ޖަލަށްލުމާއި، ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ފުޅާ ދާއިރާއެއްގައި ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ހަނިވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށް، ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށް ގޮވާލާ ބާ ކައުންސިލްގެ ބަޔާނުގައި ވަނީ، އަދުލު އިންސާފު ގާއިމުކުރުމުގައި ޝަރުއީ ދާއިރާއާއި، ތަންފީޒީ އިދާރާތަކުން އަދާކުރާ ދައުރު މުހިންމު ނަމަވެސް، ދައުލަތުގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. ހާއްސަކޮށް، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ބިންގާ ކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން،  އެ ހައްގުތައް ހަނިކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން، ޒަރޫރީ މިންވަރަކަށް ކަން އެކައުންސިލުން ކަމާ ގުޅުން ހުރި އިދާރާތަކަށް ހަނދާން ކޮށްދީފައިވެއެވެ.

 ކޯޓުގައި ހިނގި މައްސަލައިގައި ނޫސްވެރިންނަށް އެކަށީގެންވާ ވަގުތާއި، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދީފައި ނުވާކަމަށް ބުނާ ރިޕޯޓްތަކާ މެދު ބާ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކުރެއެވެ.

މި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ވަނީ އެޓާނީ ޖެނެރަލްއަށާއި، ޕްރޮސިކިއުޓާ ޖެނެރަލްއަށާއި، ކްރިމިނަލް ކޯޓަށް ރަސްމީ ސިޓީ ފޮނުވާފައެވެ. މި ސިޓީތަކުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި، މިނިވަން މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނީ ހަމަތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

 ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް، އެ ކައުންސިލްގެ "ޕްރޯ ބޯނޯ" (ހިލޭ ސާބަހަށް މަސައްކަތްކުރާ) ނިޒާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްތިފާގުން ނިންމާފައެވެ. އެ ކައުންސިލުން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންވެސް ގާނޫނުއަސާސީއާއި، އިންސާފުވެރި އިޖުރާއަތްތަކުގެ ދަމަހައްޓައި، ގާނޫނުގެ ސިޔާދަތަށް ފުރިހަމައަށް ބޯލެނބުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved