

ރައީސް ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ޑިމޮކްރެސީގެ ދަވާދުގައި ހުދުމުހުތާރު ވެރިކަމެއް ކުރަމުން ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުން ފަނޑިޔާރުން ވަކިކުރުމަށް ގާނޫނަށް އިސްލާހު ގެނެސް މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގައި އޮތް ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަނޑުބަނޑުކޮށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ލުމަށް ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.
އަލީ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ގޮނޑިއާ ލާ އެންޓި ޑިފެކްޝަން ވާފަށަކުން ބަނދެލުމުން ސުޕްރީމު ކޯޓަށް މައްސަލައެއް ވައްދާ އަޑު އެހުންތައް ފަށާފައިވަނިކޮށް ކުއްލިއަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ވައްދައިގެން ސަރުކާރުން މަސައްކަތްކުރަމުން ދަނީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމުރަށް ކަމަށާ އަދި އެ މައްސަލަ ސުޕްރީމު ކޯޓަށް ނުބެލޭނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުންނާ އަދި ގާނޫނީ ބޭފުޅުންވެސް ވިދާޅުވަމުން ގެންދެވި ނަމަވެސް އެ މައްސަލަ ކޯޓަށް ބެލޭނެ ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އަލީ އިތުރަށް ވިދާޅުވީ، ދުސްތޫރީ މައްސަލަ ސުޕްރީމު ކޯޓުން ބަލަން ފެށުމާ އެކު ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަު މަދުކުރަން ބިލެއް ހުށަހެޅުމަކީ އިއްތިފާގެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ސުޕްރީމު ކޯޓުން އެ މައްސަލަ ބަލައިގަތް ހިސާބުން މި ގޯސްވީ. އެހެންވީމަ އަޅުގަޑެއް ގަބޫލެއް ނުކުރަން، ފަނޑިޔާރާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަލާއިގެން ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ތިރި ކުރަން ސަރުކާރުން ފަރުމާ ކޮށް ބިލެއް ހުށަހެޅީ އިއްތިފާގެއް ކަމަށް. މީ ސަރުކާރުން ޑްރާފްޓުކޮށްގެން ހުށަހެޅި ބިލެއް. މިކަމުގެ އަޑިގައި ހުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު. ސީދާ ސަރުކާރުން މިހާރު މި ކުރިކަމަކީ ފަނޑިޔާރުގެއަށް ބިރުދެއްކުން. މިހާރު ރާއްޖޭގައި ތިން ބާރުވަކިވެފައި އޮތް ނިޒާމެއް. ހުރިހާ ބާރެއް މިއޮންނަނީ ޑރ މުއިއްޒުގެ އަތު ތެރޭގައި. މިއަދު ޑިމޮކްރެސީގެ ދަވާދު ބޭރުގަ ލައިގެން ހުންނެވި ކަމުގައި ވިޔަސް މިހާރު މިހުރީ ހުދުމުހުތާރު ރަސްކަލަކަށް ވުރެ ވެސް ގޯސްކޮށް
އަލީ އިތުރަށް ވިދާޅުވީ، ސަރުކާރުން ވަނީ ފަނޑިޔާރުގޭގެ ވަށަ ފަށް ރޯނުުން ބަދެފައި ކަމަށެވެ.