ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ވެރިކަން ދިފާއު ނުކުރެވި ހަތަރު އަނގޮޅި ކަންމައްޗަށް ގޮސް އަގުޅި ޖެހުނީމަ އެމްޑީޕީއިން ހެދި ގޯސް މިހާރު މިގެންދަނީ ތަކުރާރުކުރަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
27 ފެބްރުއަރީ 2025
މާލެ ސިޓީ

ވެރިކަން ދިފާއު ނުކުރެވި ހަތަރު އަނގޮޅި ކަންމައްޗަށް ގޮސް އަގުޅި ޖެހުނީމަ އެމްޑީޕީއިން ހެދި ގޯސް މިހާރު ތަކުރާރުކުރަމުން ގެންދާ މަންޒަރު ފެންނަމުން ދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމާ ކުޅެން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ކަމަށާ އެކަން އެހެން ކުރައްވަން ރައީސް ނަޝީދު ފެއްޓެވީ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރަން ޖެހި ހުރިހާ ޗައްކަރެއް ނާކާމިޔާބުވެ ގޮތް ހުސްވެގެން ކަމަށެވެ.

އެގޮތުން އޭރު މަޖިލީހުގެ މެޖޯރިޓީވެސް ރައީސް ނަޝީދު ތަމްސީލުކުރަމުން ގެންދެވި ޕާޓީގައި ނެތުމުން ބޭނުންހާ ގާނޫނު ހެދޭނެ ޖާގަ އެމަނިކުފާނަށް ތަނަވަސް ނުވުމުން ވެސް ގާޒީންނާ އަދި ރައިސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް އެ ބޭބޭފުޅުންނަށް ހުކުމް ޖަހައިދިން ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ގޮތުން ސުޕްރީމު ކޯޓުގެ ބެންޗު އިތުރުކުރެއްވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ރައީސް މުއިއްޒުވެސް އެ ގެންދަވަނީ އެ މާޒީ ތަކުރާރުކުރައްވާ ވެރިކަމުގެ ދިފާއުގައި ގާނޫނުތައް އުފައްދާ ފަނޑިޔާރުގެތަކާ ވެސް ކުޅުއްވަމުން ކަމަށެވެ.

އަޅުގަޑު ޖަލަށްލޮ. ޑރ ޖަމީލު ޖަލަށް ލެއްވި. އަބްދުﷲ ގާޒީ ޖަލަށް ލެއްވި. އެންމެ ފަހުން ޑރ ޖަމީލު ފަސް ފަހަރަށް ބަންދުކޮށް އޭގެ ފަހުްނ ޑރ ޖަމީލު ބަންދު ނުކެރުވުމުން ދެން އަބްދުﷲ ގާޒީ ހައްޔަރުކޮށް ޖަަލށްލާ މިހެން ގޮސް ހަތަރު އަނގޮޅި ކަންމައްޗަށް ގޮސް އަގުޅި ޖެހުނީމަ އެމްޑީޕީއިން އޭރުގެ ރައީސް ނަޝީދު ފަނޑިޠާރުގެތަކާ ކުޅުއްވާ ހެއްދެވީ ގޯސް. މިހާރު މިގެންނަނީ އެ ގޯސް ތަކުރާރުކުރާ މަންޒަރު

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރު ގެތަކާ ކުޅުމުން ރައީސް މުއިއްޒަށް ފައިދާވީ ނަމަވެސް ދިވެހި ދައުލަތް އަނދިރި ދައުލަތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި، ރައީސް ނަޝީދުގެ ސިންޑްރޯމަށް ރައީސް މުއިއްޒުގެ ސިންޑްރޯމު ބަދަލުވެފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved