

ރޯދަ މަހަކީ އިސްލާހުވާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ފާލަން ހުޅުވުމަށް ރޭ އޮތް ހަފްލާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި އިސްލާމްދީން ދަސްކޮށްދެނީ ކުރިއަށްދިޔުމާއި، މައާފު ކުރުމާއި އެކުވެރިކަން އާލާކުރުމުގެ އިތުރުން ހިތްސާފުކޮށް ތޯހިރުކުރަން ކަމަށެވެ. ރޯދަ މަސް މިއޮތީ ކުރިމަތިވެފައި ކަމަށާއި އަމިއްލަ ނަފްސު އިސްލާހުކުރުމަށް ރައީސް ގޮވާލެއްވި އެވެ.
ކޮންމެ މީހަކު އިސްލާހުވާން އަޒުމް ކަނޑަނާޅަންޏާ ގައުމު އިސްލާހެއް ނުވާނެ ކަމަށާއި މާތްވެގެންވާ އިސްލާމްދީނުގައި އަންގާފައިވާ ގޮތަށް އުޅުން ބައްޓަން ކުރަން ނުނިންމާހާ ހިނދަކު ގައުމަށް އަދި އަންނަން އޮތް ދުނިޔޭގައި އެމީހަކަށް ވެސް ކުރިމަގެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
އޭރުން އިސްލާހު ވެގެންދާނީ ތަރައްގީ ވެގެންދާނީ ފުރިހަމަ ގޮތުގައި މި ދިވެހި މުޖުތަމައު. މިކަހަލަ ކިތަންމެ ފާލަމެއް ކިތަންމެ މަގެއް ހެދިދާނެ. ނަމަވެސް ބޭނުމެއް ނެތް ނިމިގެންދާން އޮތް ދުނިޔޭގައި އެއްވެސް ކަހަލަ ކާމިޔާބެއް ފަލާހެއް ނެތީއްޔާ
ރައީސް ވިދާޅުވީ މާދަމާ ވެސް ދުނިޔޭގައި ތިބޭނެކަން ނޭނގޭ ކަމަށާއި އެހެންކަމުން މާދަމާ އިސްލާހުވާން މަޑުކޮށްލުމަކީ ދެކޮޅުޖެހޭ ވިސްނުމެއް ނޫން ކަމަށެވެ. އަދި އިސްލާހުވުމަކީ އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫން ކަމަށާއި މިއީ ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަން އަމިއްލަ ނަފްސަށްޓަކާ ކޮށްދޭން ނުނިންމާހާ ހިނދަކު ގައުމަށް ކުރިއެރުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން ރޯދައަކީ އުޅުންތަކާއި ގުޅުންތައް އިސްލާހުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އޭގެ ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ރައީސް މިފަހުން ވަނީ ރޯދަ މަހަކީ ދޮގު ހެދުން ފަދަ ކަންކަމުން ދުރުވާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ވިދާޅުފަ އެވެ.
އެގޮތުން ޅ. ނައިފަރުގެ ރައްޔިތުންނާ އެކު މިފަހުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރޯދަ މަހަކީ ދިވެހިންގެ ތެރޭގައި އޮންނަންވީ މާތް އަހުލާގާއި ރިވެތި ގޮތްތައް އަށަގެންނެވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އަދި ދޮގު ހެދުމާއި ފުރައްސާރަ ކުރުމާއި މީހުންނަށް ދެރަ، ހަގީގަތެއް ނެތް ކަންކަން ކުރިމަތި ކުރުމުން ދުރުވެ އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ވާން ލިބޭ ފުރުސަތެއް ކަމަށެވެ.
އެއްވެސް ހާލެއްގައި ދޮގަށް ފުރުސަތު ނުދެއްވުމަށް ރައީސް އެދިވަޑައިގަންނެވިއިރު އެމަނިކުފާނު ވެރިކަމަށް އައުމަށް ދެއްކެވި ވާހަކައާއި މިހާރުގެ ވާހަކަ ދިމާނުވާ ކަމަށް ބުނެ ރައީސް ޑރ. މުއިއްޒުގެ "ދޮގުހެދުން" އިތުރުވެފައިވާ ކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލުކުރެއެވެ.
އެގޮތުން ރައީސް މުއިއްޒަކީ ދޮގުވެރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް މިހާރު ލޭބަލްވެފައި ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް މިފަހުން ވަނީ ވިދާޅުވެފައެވެ އެވެ.
މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދާ ދަތުރުތަކުގައި ރައްޔިތުންނަށް ވެވަޑައިގަންނަވަނީ ހޮޅި ވައުދުތަކެއް ކަމަށާއި މުއިއްޒުގެ ދޮގުގައި ޖެހިގެން ދިވެހިންނަށް މިތިބީ ލަނޑު ލިބިފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
އަދި މިފަހުން ވަނީ "މުއިއްޒުގެ ވެރިކަމަށް އަހަރެއް: ދޮގު ޖާޑިން ނެގި 100 ދޮގު" ނަމުގައި ރިޕޯޓެއް ވެސް އާންމުވެފަ އެވެ. އެ ރިޕޯޓުގައި މުއިއްޒުގެ 100 ދޮގެއް ގެނެސްދީފައިވާއިރު މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސިޔާސަތު" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމުގައި ކަމަށް އެރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މިފަހުން ރައީސް މުއިއްޒުގެ ދޮގު ހެދުން އިތުރުވަމުންދާތީވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ކާނިވާ ދޮށަށް އެތައް ހާސް ބަޔަކު އެއްވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާފަ އެވެ.
އެހެން ކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެ ވިދާޅުވި ފަދައިން މި ފެށޭ ރޯދަ މަހަކީ އެމަނިކުފާނު ވެސް އިސްލާހުވާން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކި އެމަގަށް ހިތްވަރު ދެމެވެ.
ކީރިތި ގުރުއާނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖުމާއުން ސާބިތުވާ ގޮތުގައި ދޮގު ހެދުމަކީ ހަރާމް ކަމެކެވެ. ނަޙުލު ސޫރަތުގެ 105 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "ދޮގު ހަދާކަން ކަށަވަރީ، ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ."