މާދަމާ އަކީ މުލަ ރޯދަ ދުވަސް / ސޯޝަލް މީޑިއާ
ހަބަރު
މާދަމާ އަކީ މުލަ ރޯދަ ދުވަސް!
Mariyam Isaadha
މަރިޔަމް އިސާދާ
28 ފެބްރުއަރީ 2025
މާލެ ސިޓީ

މާދަމާ ( 1 މާރިޗު 2025) އަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކު މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.

މި ގޮތަށް ކަނޑައަޅާ އިއުލާންކޮށްފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުުގައި އިއްވި ރަމަޟާން މަހުގެ ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވުމުންނާ އެ މަހުގެ 30 ވިލޭރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހު ބައެއް އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާތީ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ހަނދާގުޅޭ ގޮތުން ނެރުނި ގަރާރުގައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިސްލާމީ ބައެއް ގައުމުތަކަށް ފެނުނުކަމަށް ޝަރުއީ ގޮތުން ސާބިތުވާތީ އާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސަބިތު ކުރުމުގެ ބަޔާނުގައިވަނީ، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved