

ޝަރުއީ ދާއިރާތަކުގެ މިނިވަންކަން ނަގާލައި ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ހުދުމުހުތާރު އަމަލުތައް ހުއްޓައިލުމަށް ގޮވާލައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިީހުން ފާސްކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް ކުއްލި މައްސަލާގައިވެ އެވެ.
އަދި، އެ މައްސަލާގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހެއް ތާވަލްކޮށްފައިނިކޮށް، އެ ދުވަހު ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަކީ އެ މައްސަލަ ހިނގުން ހުއްޓުވައި، މައްސަލަ ބަލަން ހުރަސް އެޅުން ގޮތުގައި ކުއްލި މައްސަލާގައި ވަނީ ސިފަ ކޮށްފަ އެވެ.
ޝަމްހީދުގެ ކުއްލި މައްސަލާގައި ވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު އެ މައްސަލަ ބެލޭނެ ގޮތެއް މިވަގުތު އިތުރަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި އެ ކޯޓުގައި މަރުތަޅު އަޅުވާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ދެކޮޅަށް 46 މެންބަރުން ވޯޓުދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވައިފައެވެ.
ފަނޑިޔާރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުދައްކަވައި، ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އަދި ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ ވެސް އެ މައްސަލަ ހުއްޓުވުމުގެ ގޮތުން ކަމަށް ހުސްނުއްސުއޫދު އިސްތިއުފާގެ ސިޓީގައި ލިޔުއްވައިފައިވެ އެވެ.