

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ލިސްޓު ސަރުކާރުން އާންމު ކުރުމުން އެކަމުގައި ހުރި ޝަކުވާތައް ގިނަވެ 3 ދުވަހުން 700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅޭނެ އެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ އެވެ.
ހައުސިންގެ އޮފިޝަލަކު މިއަދު ވިދާޅުވީ "ފްލެޓް ޝަކުވާ" ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށާއި އެގޮތުން ފާއިތުވި 3 ދުވަހުން 1000 އާއި ގާތް ކުރާ ވަރަށް ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށެވެ.
ފުލެޓު ލިސްޓު ނެރެފައިވަނިކޮށް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ފޯރައިފައި ނޯންނާނެ ކަމަށާއި އެއީ މިހާތަނަށް ނުފޫޒެއް ނުފޯރުވާ ނެރުނު އެންމެ ފުރަތަމަ ފްލެޓް ލިސްޓު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ އެވާހަކައިގައި "ދޮގު" ހިމެނޭ ކަން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު އަށް ފްލެޓް ލިބިވަޑައިގެންނެވުމުން އެކަން ސާފުކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހައިދަރު ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން ވެސް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުން "އިވޭލުއޭޓް'' ކޮށް ފްލެޓްގެ ހައްގުވެރިންނަށް ލިޔުން ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު މުއިއްޒު ސަރުކާރަކުން ވެރިކަމާއި ހަވާލުވެ ރައްޔިތުންގެ ހައްގު ނިގުޅައި އެބަޔަކު ބޭނުންވާ ބަޔަކަށް ފްލެޓްތައް ދިނުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.