

ދީނުގެ ބައެއް ސަބަބުތަކުގައި ހިފާ އަނެއްބައި ސަބަބުތައް ދޫކޮށްލުމަކީ ޖާހިލުންގެ ސިފައެއް ކަމަށް އައްޝައިޚު ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚު މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި ޝައިޚު ވިދާޅުވެފައިވާ ގޮތުގައި، ބޭހާއި ޑޮކްޓަރުންނެކޭ އެއްފަދައިން ދުޢާއާއި ޞަދަޤާތަކީ ވެސް ބަލި ފަސޭހަވުމުގެ ތެރެއިން ހިމެނޭ ކަންކަން ކަމެވެ.
ކިތަންމެ ވަރަކަށް ބޭސް ކެއި ނަމަވެސް ބަލި ރަނގަޅު ނުވާ ކިތައްމެ ބަޔަކު އުޅޭކަން ފާހަގަކުރައްވާ ޝައިޚު ވިދާޅުވީ އަދި ދުޢާކޮށް ޞަދަޤާތް ކުރި ނަމަވެސް ބަލި ފަސޭހަވުން ލަސް ކުރައްވާފައިވާ ކިތައްމެ ބަޔަކު އުޅޭ ކަމަށެވެ. އަދި ބޭހެއް ނުކައި، ޑޮކްޓަރަށް ނުދައްކައި ހަމައެކަނި ދުޢާކޮށްގެން ނުރައްކާތެރި ބޮޑެތި ބަލިތަކުން ޝިފާ ލިބިފައިވާ ކިތައްމެ މީހުން ދުނިޔެ މަތިން އެކަކު އަނެކަކާ ދިމާވެ ބައްދަލުވެފައިވާނެ ކަމަށެވެ.
ބޭސް ކެއި ނަމަވެސް، ދުޢާ ކުރިނަމަވެސް ބަލި ރަނގަޅުވުމާއި ނުވުމަކީ މާތް ﷲ ނިންމަވާ ކަންކަމަށްވެފައި ދުޢާ ކުރުމަށާއި ބޭސް ބޭނުން ކުރުމަށް އަންގަވާފައި ވެސް ހަމަ އެކަލާނގެކަން ޝައިޚުގެ ޕޯސްޓުގައި ވެއެވެ. އެހެންކަމުން އެކަލާނގެ އަންގަވާފައިވާ ކަންކަމުގެ ތެރެއިން، އެއްބައި ކަންކަން ޤަބޫލު ކުރުމަށް ފަހު، އަނެއްބައި ކަންކަމަށް ޤަދަރުކުޑަކޮށް މަލާމާތް ކުރުމަކީ އެކަލާނގެއަށް އީމާންވެ ވަކީލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަން ޝައިޚު ފާހަގަކުރައްވާފައިވެއެވެ. އަދި އެފަދައިން ކަންކުރާ ނަމަ އެއީ އެމީހެއްގެ ޖާހިލުކަމުގެ ގޮތުގައި ޝައިޚު ވިދާޅުވެފައިވެއެވެ. އެހެން އެގޮތުގައި އުޅެނިކޮށް މާތް ﷲ ގެ ޙަޟްރަތުން ބޮޑު ބައްޔެއްގެ ސިފައިގައި ކޮންމެ ފަދަ ކޯފާއެއް ވެސް އަތުވެދާނެ ކަމާމެދު ބިރުވެތިވުމަށް ޝައިޚު ނަސޭހަތްތެރިވެފައިވެއެވެ.
އެފަދަ މީހުން ޑޮކްޓަރަށް ދިއުމުން ލިޔެދޭ ކާ ބޭހާއި، ކުރަން ޖެހޭ ކަސްރަތު ލިޔެދިނުމުން، މީގެން ތިމަންނާ ހަމައެކަނި އިޚްތިޔާރު ކުރާނީ ކާ ބޭސް ކަމަށް ބުނެ، ކަސްރަތު ކުރުމާ ދެކޮޅު ހަދާ، ކަސްރަތު ކޮށްގެން ފައިދާއެއް ކުރާނެ ނަމަ، ކުޅިވަރު ކުޅޭ މީހުން ބައްޔެއް ނުވީހޭ ބުނާ ފަދަ ގޮތަކަށް ގޮތްފާޑު ކިޔައި މަމޮޅުކަން ދައްކާނެތޯ ސުވާލު އުފައްދަވާ ޝައިޚު ވަނީ އެހެން އެކަން ކޮށްފިނަމަ އެއީ، އޭނާ ޑޮކްޓަރަށް ކުރާ ފުރައްސާރައަކަށް ނުވާނެކަމާ މެދުވެސް ސުވާލު އުފައްދަވަފާއެވެ.
އެހެންކަމުން ދެތިން ދުވަހަކަށް ދުނިޔެވީ މަޤާމެއް ލިބި، މީސްމީޑިއާގައި ތިމަ ތިމާމެންގެ ވީޑިއޯއެއް ވައިރަލްވުމަކީ، އޭގެ އަނެއް ދުވަހު ނިކުމެ، މާތް ﷲ އިސްލާމު ދީނުގައި ލައްވާފައިވާ ކަންކަމަށް ކުޑައިމީސްކޮށް ޒާތް ޒާތުގެ ފަލްސަފާ ރައްދުކުރަން ޖެހޭ ސަބަބެއް ކަމުގައި ނުހެދުމަށްވެސް ޝައިޚުގެ ޕޯސްޓުގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި ޕޯސްޓު ނިންމަވާލައްވާފައިވަނީ މާތް ﷲ ހުރިހާ މުސްލިމުންނަށްވެސް ހެޔޮ ވިސްނުން ދެއްވުމުން އެދި ދުއާ ކުރައްވަމުންނެވެ.
ޝައިޚު މިފަދަ ޕޯސްޓެއް ކުރައްވާފައިވާ މިވަނީ ސަރުކާރުގެ ޕްރޮމޯޝަނަލް ވީޑިއީތަކުގައި ދައްކުވައިދޭ ދިވެހި އަންހެނަކު އިސްލާމްދީނަށް ކުޑައިމީސް ކޮށް ޓިކްޓޮކުގައި ވީޑިއޯތަކެއް ވައިރަލްކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.