ފިޔޯރީ އައިސް ޕްލާންޓު / ސޯޝަލް މީޑިއާ
ހަބަރު
ހުވަދު އަތޮޅުގެ ގިނަ އައިސްޕްލާންޓުން ހިދުމަތް ނުލިބޭތާ އަހަރެއް!
Mariyam Isaadha
މަރިޔަމް އިސާދާ
15 މާރިޗު 2025
މާލެ ސިޓީ

ހުވަދު އަތޮޅު ގިނަ އައިސްޕްލާންޓުން ހިދުމަތް ނުލިބޭތާ އަހަރެއްވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މީގެ ކުރިންވެސް ދެކުނުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދަތިވެ ބާނާ މަސް ރައްކާކުރެވޭނެ ގޮތެއް ނެތުމުން ކަނޑަށް މަސް އުކާލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވެއެވެ.

ކަން މިހެން ހުއްޓާ ނަން ހާމަނުކުރުމަށް އެދި މިފްކޯގެ އޮފިޝަލަކު "ތޭރައޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ހުވަދޫގައި މިވަގުތު މަސްވެރިކަން ރަގަޅުވެ ރާއްޖޭގެ އެކި ހިސާބުތަކުގެ އޮޑި ދޯނި ފަހަރު މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށާ ނަމަވެސް އައިސް ލިބޭނެ ގޮތެއް އެ މަސްވެރިންނަށް ނެތް ކަމަށެވެ. ހުވަދޫގައި 7 އައިސް ޕްލާންޓު ހުރި ނަމަވެސް މިވަގުތު އޮޕަރޭޝަންގައި ހުރީ ތިނަދޫގައި ހުރި އައިސް ޕްލާންޓު އެކަނި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މިކަމާ ގުޅިގެން މަސްވެރިންގެ ޝަކުވާ އިތުރުވަމުންދާ ކަމަށްވެސް އެ އޮފިޝަން ވަނީ ކިޔައިދީފައެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި އައިސް ޕްލާންޓުތަކާ މިހާރު ފެނަކައިން ހަވާލުވެފައިވީ ނަމަވެސް އައިސް ޕްލާންޓެއް ނުބެލެހެއްޓޭ ކަމަށާ މެނޭޖުމެންޓު ވަނީ ފެއިލްވެފައި ކަމަށެވެ. އަދި މަސްވެރިންނަށް މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ލޯލެވެލް ސްޓާފުން ހަނާ ވަނީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 15 ފެބްރުއަރީގައި ހަތް އައިސް ޕްލާންޓާ ވެސް ފެނަކައިން ހަވާލުވެފައިވާއިރު މަހެއް ވެގެން ދިޔައިރުވެސް އަދިވެސް އައިސް ޕްލާންޓުތައް އޮޕަރޭޝަންއަށް ގެނެވިފައި ނުވެއެވެ. އެގޮތުން ފެނަކައިން ހަވާލުވެ މަހެއް ވެގެން ދިޔައިުރވެސް އޮޕަރޭޝަންސްއަށް ނުގެނެވު ހުރި އައިސް ޕްލާންޓުތަކަކީ:

  • ގއ. ދާންދޫ

  • ގއ ދެއްވަދޫ

  • ގއ ގެމަނަފުށި

  • ގއ ކޮލަމާފުށި

  • ގދ ފަރެސްމާތޮޑާ

  • ގދ ގައްދޫ

  • ގދ ކޫއްޑޫ އައިސް ޕްލާންޓު އެވެ.

އޮފިޝަލް ހާމަކޮށްފައިވާ ގޮތުގައި އައިސް ލިބުމުގައި ދަތިވެ މަސްވެރިންނަށް ލިބެން ޖެހޭ އެންމެ ރަގަޅު މަންފާ މަސްވެރިކަން ރަގަޅުވި ނަމަވެސް ލިބެމުން ނުދެއެވެ.

މިކަމާ ގުޅިގެން މިފްކޯގެ ރަސްމީ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މި ސަރުކާރަކީ މަސްވެރިންނަށް ރަގަޅު ގޮތް ހޯދައިދޭނެ ކަމުގެ ވައުދާއެކު އައި ސަރުކާރެއް ނަމަވެސް މަސްވެރިންގެ ޝަކުވާތައް މި ސަރުކާރާ ގުޅުވާ ހުރި މިންވަރު މަދެއް ނޫނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved