
ގައުމުގައި ފޯރިގަދަ ތިން އިންތިހާބަކަށް ފަހު ދެވަނަ ދުވަސްހުގެ އިރު ފެނުން ތޮޅިލިއިރު ސަރުކާރުން ވިއްކާ މަސްދަޅުގެ އަގު ބޮޑުކޮށްފިއެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން މަސްދަޅުގެ އަގު ބޮޑުކޮށްފައިވަނީ މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު އުފުލުމާ ގުޅިގެން، މަސްދަޅު އުފެއްދުމުގެ ޚަރަދު ބޮޑުވެގެން ކަމަށް ބުނެއެވެ.
އެގޮތުން ކުރިން މިފްކޯއިން 17.5ރ.އަށް ވިއްކި ތެޔޮ މަސް ދަޅު މިހާރު ވިއްކަނީ 18.5ރ.އަށެވެ. އަދި ކުރިން 769ރ.އަށް ވިއްކި ތެޔޮ މަސްދަޅު ކޭސް މިހާރު ވިއްކަނީ 800ރ.އަށް މިއީ ކޭހަކުން 40 ރުފިޔާގެ ބޮޑުވުމެކެވެ. މިހާތަނަށް ބޮޑުކޮށްފައި ވަނީ ތެޔޮ މަސްދަޅުގެ އަގު އެކަންޏެވެ.
މި ބަދަލާ އެކު އަމިއްލަ ފިހާރަކުން ވެސް ތެޔޮ މަސްދަޅު ވިއްކާ އަގުތަކަށް ބަދަލު ދަނީ ގެންނަމުންނެވެ.
މީގެ އިތުރުން މިފްކޯއިން ވަނީ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް ނިންމާފައެވެ.
މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ބޮޑު ލޮޅުމެއް މުޅި ދުނިޔެއަށް ކުރިމަތިވެ، އެ ވަގުތުން ފެށިގެން ގައުމުތަކުން ދިޔައީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބު ބޯމަތީގައި އޮތުމުން ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ބޮޑު ފިޔަވަޅުތައް އޮތީ ނާޅާ ބޭއްވުމަށް ފަހު އިންތިހާބު ނިމި ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން ދަނީ ދެމުންދާ އެކި ޚިދުމަތްތަކުގެ އަގަށް ބަދަލުގެންނަމުންނެވެ.










