މިފްކޯ މަސްފިހާރަ / މިފްކޯ
ވިޔަފާރި
ކޮރަޕްޝަނާއި ދަރަނީގައި އޮތް މިފްކޯ ބޮޑު ލޯނަކާއި ދިމާލަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 މާރިޗު 2025
މާލެ ސިޓީ

ދިވެހި ރުފިޔާއިން އެއް ބިލިއަނާ ގާތްކުރާ އަދަދެއްގެ ބޮޑު ލޯނެއް ނަގަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)އަށް ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފި އެވެ.

މިފްކޯ އަށް ބޮޑު ލޯނެއް ހޯދަން އުޅޭއިރު އެ ކުންފުނީގެ މާލީ ހާލަތާ މެދު ކަންބޮޑުވުންތަކެއް އެބަ އޮތެވެ. އަދި މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ކުންފުންޏާ ދެކޮޅަށް މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.

އަދި ކޮރަޕްޝަންގެ ގިނަ މައްސަލަތަކާއި ދަރަނީގެ ގިނަ މައްސަލަތައްވެސް ކޯޓުތަކުގައި ދަނީ މިފްކޯއާއި ދެކޮޅަށް ހިނގަމުން ނެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެހީއާ އެކު 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ، ދިވެހި ރުފިޔާއިން ބަލާނަމަ 997 މިލިއަނެއްހާ ރުފިޔާއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ލޯނު ހޯދަނީ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓަކަށް ކަމަށެވެ. ސަރުކާރުގެ މަސް ކުންފުނިން ބުނީ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަތް މަޝްރޫއެއް ހިންގަން ރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިދުމަތްތައް ރަނގަޅު ކުރުމަށާއި ބައެއް ތަކެތި ގަތުމުގެ އިތުރުން ކޮންސަލްޓިން ހިދުމަތް ވެސް ހިމެނެ އެވެ. އެ މަޝްރޫއުގައި ހަތް ކޮމްޕޯނަންޓެއް ވަނީ ހިމެނިފަ އެވެ.

އެ ފައިނޭންސިންގެ ދަށުން ކުރަން ރާވާފައިވާ ކަންކަމަކީ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުން

  • ކަނޑުއޮތްގިރި ކޭނަރީ ބޮޑު ކުރުން

  • މުވައްޒަފުންނަށް ތަމުރީނު ދިނުން

  • ކޮންސަލްޓޭޝަނާއި ޕްރޮކިއުމެންޓު ފަދަ ކަންކަމުގައި އެހީތެރިކަން ހޯދުން

  • ފައިނޭންޝަލް އޮޑިޓެއް ހިންގުން

  • ކޮންޓިންޖެންސީ އެމެޖެންސީ ރެސްޕޮންސް ކޮމްޕޯނަންޓެއް ހިމެނުން

  • ކުއްލިއަކަށް ހިނގައިދާނެ ހަރަދަކަށް ބަހައްޓާ ފައިސާ

އައިއެސްޑީބީގެ ލޯނަކަށް މިފްކޯއިން އެދިފައި މި ވަނީ އެ ބޭންކުން ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އޮކްޓޯބަރު، 2024، ގައި އަހުމަދު ޝިޔާމް ވިދާޅުވެފައި އޮއްވަ އެވެ.

މިފްކޯއިން 64.65 މިލިއަން ޑޮލަރު ހޯދަން އައިޑީބީގައި އެދުނު ކަމަށް ބުނިއިރު، ސަރުކާރުން ބަޖެޓު ކޭޝްފްލޯ ޕްލޭންގައި އަންދާޒާކުރި އަދަދަށް ހިލޭ އެހީއާއި ލޯން އެހީގެ އިތުރުން އާމްދަނީ ވެސް ނުލިބޭކަން މި ފަހުން ވަނީ ހާމަވެފަ އެވެ.

މީގެ އިތުރުން ދައްކަން ޖެހޭ ބޭރުގެ ދަރަނިތައް ނުދެއްކި ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އެބަ އޮތް ކަމަށް ދުނިޔޭގެ މީޑިޔާތަކުގައި އިއްޔެ ވަނީ ރިޕޯޓުވެސް ކޮށްފަ އެވެ.

އެގޮތުން އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފައި ވާ ގޮތުގައި ލޯނު ދައްކައި، މާލީ ހާލަތު ރަނގަޅު ކުރަން ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއިން އެހީއަށް އެދިފައިވާ ކަމަށް އިކޮނޮމިކް ޓައިމްސް އިން ބުނެ އެވެ. އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝާރްޖާ އިސްލާމިކް ބޭންކުން ފައިނޭންސިން ހޯދޭތޯ ވެސް ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ.

ރާއްޖޭގެ ދަރަނި ނުދެއްކި ބަނގުރޫޓުވުމާ ދިމާއަށް ދަތުރުކޮށްފައިނެ ކަމުގެ ބިރު އޮތް ކަމަށް އަޑު ގަދަވަމުންދާއިރު، ދުނިޔޭގެ މާލީ އިދާރާ އައިއެމްއެފުން ވެސް ވަނީ މިކަންބޮޑުވުން މީގެ ކުރިން ފާޅުކޮށްފައެވެ. އެގޮތުން އިސްލާހީ ހަރުދަނާ ފިޔަވަޅުތައް އަވަސްނުކޮށްފި ނަމަ ރާއްޖޭ ބަނގުރޫޓުވުމުގެ ހިރާސް އޮތް ކަމަށް އެ އިދާރާއިން ވެސް ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved