އަޒްމިރަލްދާ ނުފޫޒު ފޯރުވިކަން އެނގެން ނެތް / އަދަދު
ހަބަރު
އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ގާޒީންގެ ބަޔާނުގައި ނެތް!
Mariyam Isaadha
މަރިޔަމް އިސާދާ
18 މާރިޗު 2025

މަސާޖު ޕާލާއަކުން ފިރިކަލުން ޑރ އިސްމާއިލު ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ގެންދިއުމުން ކުރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ޑރ އަޒްމިރަލްދާ ޒާހިރު ނުފޫޒު ފޯރުވިކަން އެ ގާޒީންގެ ބަޔާނުން ހާމަވާން ނެތްކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އެގޮތުން އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝާމިލް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން ބަލާ މައްސަލައިގެ ތަހުގީގަށް ކުރިމިނަލް ކޯޓުގެ ތިން ގާޒީއަކު ބަޔާން ދެއްވާފައިވާއިރު އެ ތިން ގާޒީންގެ ބަޔާނަށް ބެލުމުން އެނގެނީ، ޑރ. އިސްމާއިލްގެ ބަންދާ ގުޅިގެން އަޒްމިރަލްދާ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަން ކަމެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ވެސް އަދި އެހެން މީހަކު މެދުވެރިކޮށް ވެސް ގުޅުއްވާފައިނުވާ ކަން ބަޔާންތަކުން ސާފުކޮށް އެނގޭ ކަމަށާ އަދި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއް ވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވާކަމަށް ޝާމިލްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ފަނޑިޔާރު އަޒްމިރަލްދާ ކުރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ތުހުމަތެއް ކުރުމުގެ އެއްވެސް އަސާސެއް ވެސް ނެތް ކަމާއި އޮތް ނަމަ، އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމަށް ވަކީލް ވިދާޅުވިއެވެ.

ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާ ގުޅުވައި އެއްގޮތަކަށް ވެސް ގާޒީއަކު ވިދާޅުނުވާ ވާހަކައެއް ވިދާޅުވި ކަމަށް ބުނެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޖޭއެސްސީން ހިމަނާފައިވާ ކަން ފާހަގަކުރައްވާ ވަކީލު ވިދާޅުވެފައިވަނީ ގާޒީން ދެއްވި ބަޔާންތައް ފެންނަން ހުއްޓާ، އެ ބަޔާންތަކާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.

އަޒްމިރަލްދާގެ ވަކީލުންގެ ފަރާތުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އޭނާގެ އަޑު އެހުންތައް އާންމުކޮސް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރަލްދާ އެދިވަޑައިގެންެވުމުން ޖޭއެސްސީއިން ވަނީ އެކަމާ ދެކޮޅު ހަދާ އަޑު ހެދުންތައް ސިއްރުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved