ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒު، ޖައްބަރު ނަތަންޔާހޫއާ ފޯނުން ގުޅާ ވާހަކަ ދެއްކިކަމުގެ އަޑުތަކެއް!
Mariyam Isaadha
މަރިޔަމް އިސާދާ
20 މާރިޗު 2025
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ސަހްޔޫނީންގެ ހައްދު ފަހަނަ އަޅާފައިވާ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ފޯނު އިން ގުޅައިގެން ވާހަކަ ދެއްކެވިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅާފައިވަނީ ނަތަންޔާހޫގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް ރާއްޖެއަށް އެހީދޭން ނިންމާފައިވާތީއެވެ. އެގޮތުން އެހީ ދޭން ނިންމުމާ ގުޅިގެން ޝުކުރު އަދާކޮށް މި އެހީ މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މެދު އެ ފޯނުކޯލުގައި މަޝްވަރާކޮށްފައިވާކަމަށް ވެއެވެ.

ނަތަންޔާހޫ ވެސް ވަނީ ދިވެހި ރައްޔިތުން ސަހްޔޫނީންނާ ދެކޮޅަށް އުފުލަމުންދާ އަޑު ހުއްޓުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެއެވެ. އަދި ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ނުވާތީއާއި، ސަރުކާރުން އިސް ނަގައިގެން ސަހްޔޫނީންނާއި ދެކޮޅަށް ބާއްވާނެ ކަމަށް އިއުލާނު ކުރި މުޒާހަރާ ބާއްވާފައި ނުވާތީ އެކަންކަމަށް ވެސް ނަތަންޔާހޫ ޝުކުރު އަދާކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

ރައީސް މުއިއްޒު ޖައްބާރު ނިރުބަވެރި ނަތަންޔާހޫއަށް ފޯނުން ގުޅާ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމުގެ އަޑުތައް ފެތުރިފައިވާއިރު މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދާލާން އެ އޮފީހުގެ ކޮމިއުނޭޝަންސް މިނިސްޓަރު އިބްރާހިމު ޚަލީލުއަށް މެސެޖުކޮށްލުމުން ޖަވާބެއް ދެއްވާފައިނުވެއެވެ.

މި ސަރުކާރުން ސަހްޔޫނީންނާ ދެކޮޅަށް ފިޔަވަޅެއް ނާޅާ ތިބޭތީ ދިވެހި ރައްޔިތުން ގެންދަނީ އެތައް ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ޕާކުކޮށްފައި އޮންނަތާ ވެސް 300 އާ ގާތްކުރާވަރަށް ދުވަސް ފާއިތުވެއްޖެއެވެ. ދިވެހި ސަރުކާރުގެ ސްޓޭންޑަކީ އަބަދުވެސް ފަލަސްތީނު ރައްޔިތުންނާ އެކު ތިބުން ކަމަށް ކުރިން ހާމަކޮށްފައިވީ ނަމަވެސް ސަރުކާރުގެ ކިބައިން އެކަން އަމަލުން ނުފެންނަ ކަމަށް ގިނަ ދިވެހި ރައްޔިތުން ހާމަކުރެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved