

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އޭނާ އެ މަގާމުން ވަކިކުރިކަން "ސަރުކާރު" ފަޅީގެ މަސްދަރަކުން ކަށަވަރުވެފައިވީ ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ނަމަވެސް އޭނާ މަގާމުން ކުއްލިއަކަށް ދުރުކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ފައިސާ ނެގިކަމަށް ތުހުމަތުކޮށް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
އޭނާ މަގާމުން ވަކިކުރިއިރު ފުލުހުން މިރޭ ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝައްމާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ. ޝައްމާން ވަކިކޮށްފައިމިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތަކެއް ކުރަމުންދަނިކޮށްވެ. މަސްދަރުން ހާމަކުރާ ގޮތުގައި ޝަމްއާން މަގާމުން ވަކިކުރީ ސަރުކާރުގެ އިސް ފަޑީގައި ތިއްބެވި ބައެއް ބޭފުޅުންގެ ވިޔަފާރިތަކުގައި ހިމެނޭ ބިދޭސީންވެސް އިސްތިސްނާ ކުރުމެއް ނެތި ޝަމްއާން ފިޔަވަޅު އަޅުއްވަމުން ގެންދަވާތީ ރައީސް މުއިއްޒަަށް އެކަމުގެ ޝަކުވާ އެ ބޭފުޅުން ކުރުމުންނެވެ.
ޝައްމާން ވަނީ މީގެ ކުރިން އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވާފަ އެވެ. ޝައްމާން އިމިގްރޭޝަނުން ކުރިން ވަނިކުރީ ނިމުނު ސޯލިހު ވެރިކަމުގައި އެވެ.