

އެމަނިކުފާނަކީ ގައުމުގެ ކަންކަން އެންމެ ކައިރިން ބައްލަވާކަމަށް ވިދާޅުވާ ރައީސެެއް ނަމަވެސް ގައުމުގައި ތެލެސީމިއާ ބަލިކުދިންނަށް ފަރުވާ ހޯދަން ހުރި ހަމައެކަނި އިމާރާތް ކަމަށްވާ ތެލެސީމިއާ ސެންޓަރުގެ ހާލަތު ރައީސް ޑރ މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ތެލެސީމިއީ ކުދިންނަށް ފަރުވާ ދިނުމަށް ހުންނަ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ބޮއްސުންލާ ތަނުގައި ލޭ ރައްކާކުރެވޭނެ އިންތިޒާމުވެސް ފެއިލްވެ ތެލެސީމިއާ ކުދިންގެ ފުރާތަ ނުރައްކަލަށް ހުށަހެޅުމުން އެ ކުދިން ބެލެނިވެރިން ނުކުމެ އިހުތާޖުކޮށް ތަނުގެ ވެރިންގެ އިސްތިއުފާއަށް ރޭ ގޮވާލުމުން މިއަދު އެކަން އޮއްބާލުމަށް އެ ސެންޓަރަށް ވަޑައިގެންނެވުމަށް ފަހު ރައީސް އޮފީހުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިވަނީ، ތެލެސީމިއާ ޕޭޝަންޓުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި އޮފިޝަލުންނާ ބައްދަލުކޮށް ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރިކަން ލިޔެކިޔުމުން ފެންނަން ހުރި ނަމަވެސް މިގޮތަށް މިކަންކަން އޮތްކަން މިއީ އަދި މިހިސާބަށް އައި އިރުގަވެސް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބި އޮތްކަމެއްކަން އެނގިވަޑައިނުގެން އޮތް ކަމެއް ކަމަށް ވިދާޅުވެ މިކަމުގެ ޒިންމާ ނެންގެވުމުގައި އިހުމާލުވެފައިވާވުމުން ރެކިވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވާފައެވެ.
ނެޝަނަލް ތެލަސީމިއާ ސެންޓަރަށާއި، ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ އިމާރާތް (އޮރެންޖް ހިޔާ)އަށް ރައީސުލްޖުމްހޫރިއްޔާ @MMuizzu ޒިޔާރަތްކުރެއްވުމަށްފަހު ދެއްވި އިންޓަރވިއު pic.twitter.com/6NYqycXx4C
— The President's Office (@presidencymv) March 23, 2025
ތެލެސީމިއާ ކުދިންގެ ބެލެނިވެރިންގެ ރުޅި ގަނޑު ފަލައިގެން ގޮސް މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކުރުމުން އެކަން އޮއްބާލުމަށް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ރައީސް މުއިއްޒު އެތަނުގެ ހާލަތު ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވީ ނަމަވެސް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވަނީ އެތަނުގެ ހާލަތު ނިކަން ރަގަޅަށް އެނގިވަޑައިގަންނަވާކަން ދެއްކެވި ވާހަކފުޅުން ރައްޔިތުންނަށް ހާމަކޮށްދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މީގެ 556 ދުވަސް ކުރިން އދ. މަހިބަދޫގައި ކެމްޕޭނު ތެރެއިން ރައީސް މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރުގެ ހާލަތު ބަޔާންކޮށްދެއްވާފައެވެ.