ވޯޓާ ބަންކަރިންގެ ހިދުމަތް ފަށަށް މި ސަރުކާރުން ތުރާކުނަށް ފޮނުވި ބާޖު "ގެއްލިއްޖެ" / ފޭސްބުކް
ހަބަރު
ވޯޓާ ބަންކަރިންގެ ހިދުމަތް ފަށަށް މި ސަރުކާރުން ތުރާކުނަށް ފޮނުވި ބާޖު "ގެއްލިއްޖެ"
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 މާރިޗު 2025
މާލެ ސިޓީ

ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި އޮފް ޝޯ ބަންކަރިންގައި ބޯޓުތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އެމްޕީއެލް އިން ފެނުގެ ހިދުމަތް ދޭން ހއ. ތުރާކުނަށް ގެންދިޔަ "ފެން ބާޖު" ގެއްލިއްޖެ އެވެ.

އެމްޕީއެލް އިން ކުރިން ބުނެފައިވަނީ ފްލޯޓިން ބާޖް ބާއްވާނީ ތުރާކުނުގައި ކަމަށެވެ. އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓާ ބަންކަރިންގ ހިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިވެސް ކުރި އެވެ.

ނަމަވެސް އެ ބާޖު މިހާރު އެރަށުގައި އެއް ނެތެވެ. އަދި އެ ހިދުމަތެއްވެސް އެރަށުން ނުދެ އެވެ. މިކަމާއި ގުޅިގެން އެމްޕީއެލް އަށް ގުޅުމުން ފޯނަށް ޖަވާބު ނުލިބޭތީ އެ ކުންފުނީގެ ބަހެއް ވަނީ ނުލިބި އެވެ.

މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓާ ބަންކަރިން ހިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގަ އެވެ. އެމްޕީއެލްގެ ކުރީގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންއަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

ތުރާކުނުން "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން މީހަކު ބުނީ ވޯޓާ ބަންކަރިން ހިދުމަތް ބަޔަކަށް ދެވޭނީ ތުރާކުނަށް ފުރަތަމަ ސާފު ބޯފެން ކަށަވަރުވެގެން ކަމަށާއި ސަރުކާރުން ފެށި ހިދުމަތުން މިހާރު ފެންނަން ހުރީ "ތިން މުޑި" ކަމަށެވެ. އަދި ބަދަރުގައި ހުރި އެ މުޑިތަކުގައި ދުއްވާ އެއްޗަކުންޖެހި މީހަކަށް އަނިޔާވުން ނޫން އިތުރު ކަމެއް މިހާރު ތުރާކުނު ރައްޔިތުންނަށް ތަޖުރިބާ ނުކުރެވޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސަރުކާރުން ކުރާކަމެއްގައި ދެކޮޅު ޖެހެންވާނެ ކަމަށާއި ބޮޑު އެއްބަސްވުންތައް ހަދައިގެން މިނިސްޓަރު ސައީދު ޖެއްސެވި ސަކަރާތުން ހުދު އޭނާގެ އަމިއްލަ ރަށަށް ވެސް މި ލިބުނީ ހުތުރު ނަމެއް ކަމަށެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފެށި އިގްތިސޯދީ ބޮޑު ހަރަކާތުން ހޯރަފުށި ދާއިރާއަށް އަދި ލިބުނު މަންފާ އެއް ނެތެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެނެއް އަދި ތެލެއް ބަރުކުރަން މަޑުކުރާ ބޯޓެއް އެ ސަރަހައްދުން ނުފެނި އިކޮނޮމިކް މިނިސްޓަރު ސައީދު އަށް ވަނީ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ މި ހިދުމަތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ވިޓޯލް އާއި އެސްޓީއޯ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، އެ ވަރުގެ ފައިދާ އެއް ރާއްޖެއަށް ލިބޭ ގޮތަކާމެދު ތަޖުރިބާކާރުން ކުރިންވެސް ދިޔައީ ސުވާލު އުފައްދަމުން ނެވެ.

ހއ. އަތޮޅުގައި ސަރުކާރުގެ އިދާރާތަކުގެ އޮފީސްތަކެއް އިމާރާތް ކޮށް މި ހިދުމަތް ދޭން ފެށީ އެ އަތޮޅުގައި އޮފް ޝޯ ބަންކަރިން ދިނުމުގެ އަމާޒުގައި އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ދިނުމަށް ގެނައި ދެ ބޯޓުގެވެސް އޭގެ މަހެއްހާ ދުވަސް ފަހުން މާލެ ސަރަހައްދަށް ވަނީ އައިސްފަ އެވެ.

އަދި ފެން ވިއްކަން ގެނައި ބާޖަށް ވީ ނުވީއެއް އިނގޭ އިންސާނަކު މި ދުނިޔެ މަތީގައި ވެސް ނެތެވެ. ސަރުކާރުގެ ދޯދީޔާ މިފަދަ އެތައް މަޝްރޫއެއްގެ ސަބަބުން ރައީސް މުއިއްޒު ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved