ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ އެތެރެ / ސޯޝަލް މީޑިއާ
ހަބަރު
ހިއްމަފުށީ ރިހެބްލިޓޭޝަން ސެންޓަރުގެ ހާލަތު ފަރުވާ ދެވޭ ވަރަށް ވުރެއް ދަށުގައި
Hussain Nawaf
ހުސައިން ނަވާފް
25 މާރިޗު 2025

ހިއްމަފުށީ ރިހެބްލިޓޭޝަން ސެންޓަރުގެ ހާލަތު ފަރުވާ ދެވޭ ވަރަށް ވުރެއް ދަށްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓަކާއި ގުޅިގެންނެވެ.

އެ ޕޯސްޓުގައި ހިއްމަފުށީ ރިހެބް ސެންޓަރުގެ ފޮޓޯތަކެއްވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ތަނުގެ ހާލަތު ދަށްކަމާއި ތަން ވީރާނާވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެ ތަނުގެ އެއް ޔުނިޓުގައ މިވަގުތު ދިރިއުޅެމުންދަނީ 10 މީހުންނަށް ބޭނުންވާ ޖާގައިގައި 20 މީހުން ކަމާއި އެ މީހުން ބޭނުން ކުރަނީ އެންމެ ފާހަނައެއްކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެެވެ. މީގެ އިތުރުން ވާރޭ ވެހޭއިރު ސީލިންގްތައް ލީކުވެ އެތަނުގައި ގިނަ އަދަދެއްގެ ބެޑް ބަގްސް އާއި މަދިރި އުޅޭކަން ފާހަގަކޮށްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއިއެކު ވަރަށް ބޮޑަށް ސެންޓަރުގެ އެކި ތަންތަނުގައި ފަންގަސް ޖަހައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ފާހަނަތައް ބޭނުން ކުރުމުގެ ގިނަ ދަތި ތަކާއި ކުރިމަތި ލާން ޖެހޭކަމަށް އިތުރު ރިޕޯޓުތަކުން ބުނެއެވެ.

އެތަނުގައި ބެހެއްޓި ފެން ޕްލާންޓް ހަލާކުވުމުގެ ސަބަބުން ބޭނުންކުރަނީވެސް ނުސާފު ފެނެއްކަމަށް އިތުރު ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން ސެންޓަރުގައި ކާއެއްޗެހި ފޯރުކޮށްދެނީ ފަރުވާ ހޯދަންދާ މީހުންގެ ސިއްހަތަށް ރިއާޔަތް ކުރުމެެއްނެތިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނަމަވެސް ދައުލަތުގެ ބަޖެޓުގައި ނޭޝަނަލް ޑްރަގް އެޖެންސީ އެންޑީއޭ އަށް 116.9 މިލިއަން އަދި ރިހެބްލިޓޭޝަން ސެންޓަރަށް ހާއްސަކޮށް 6 މިލިއަން ރުފިޔާ ބަޖެޓު ކުރިކަން ފާހަގަކޮށްލެވެއެވެ.

ވީިއިރު ތަން މަރާމާތު ކުރުމަށް ވެރިން ނުވިސްނާ ސަބަބާއި މެދުވަނީ ސުވާލުތަކެއް އުފެދިފައެވެ.

މި މައްސަލަ އާއި ގުޅިގެން އެންޑީއޭ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެހްއާރުސީއެމްގެ ރަސްމީ ބަހެއް ހޯދާލުމަށް ގުޅާލުމުންވެސް ފޯނު ނުނެގުމުގެ ސަބަބުން ބަހެއް ލިބިފައި ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved