March 15, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ޑްރަގް އެޖެންސީގެ މުވައްޒަފަކު ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Nov 25, 2025, 06:38 AM

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

Advertisement

އުމުރުން 42 އަހަރުގެ މި މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނިގެންނެވެ. އޭނާގެ ޔޫރިން ޓެސްޓް ވަނީ ޓީއެޗްސީއަށް (މަސްތުވާތަކެތީގެ ބާވަތަކަށް) ޕޮޒިޓިވްވެފަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރުމުގެ އަޑުއެހުމުގައި އައިއޯ ވަނީ އޭނާގެ ޔޫރިން ޓެސްޓް ޕޮޒިޓިވް ކަން ކޯޓުގައި ފާހަގަކޮށްފަ އެވެ. ފުލުހުންނަށް އެ ކުށް ކުރިކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެ، ކޯޓުން ވަނީ އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ އެންޑީއޭގެ ވަޒީފާގައި ހުރި މީހެއްކަމަށާއި، ކުޑަކުދިންތަކެއްގެ ބައްޕައެއް ކަމަށް ބުނެފައެވެ.

މިއީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކުރި މިދިޔަ ހަފްތާގެ ތެރޭގައި ދެވަނަ ފަހަރެވެ.

މިދިޔަ ހަފްތާގައި، ފަރުވާ ހޯދަން ދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން، ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެންޑީއޭގައި ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި އައްޑޫ ފޭދޫ، މުހައްމަދު ފަސީހު (51އ.) ވަނީ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފަ އެވެ.

އޭނާއަކީ މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ ގެ ފިރިކަލުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved