ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު / ސަން އޮންލައިން
ހަބަރު
ތައިލެންޑުގައި ތިބި ހުރިހާ ދިވެހިންވެސް އަމިއްލަ އެޕާޓުމަންޓުތަކަށް ބަދަލުވެއްޖެ، ހާލު ރަގަޅު: ސަފީރު
Mariyam Isaadha
މަރިޔަމް އިސާދާ
31 މާރިޗު 2025
މާލެ ސިޓީ

ތައިލެންޑުގައި ތިބި ހުރިހާ ދިވެހިންވެސް އަމިއްލަ އެޕާޓުމަންޓުތަކަށް ބަދަލުވެއްޖެ ކަމަށާ ހުރިހާ އެންމެންގެ ވެސް ހާލު ރަގަޅު ކަމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ތައިލެންޑް (ބެންކޮކް) އަށް މިދިޔަ ހުކުރު ދުވަހު އައި ބާރު ގަދަ ބިންހެލުމުގައި އެތައް އިމާރާތެއް ބިމާ ހަމަވެފައިވާއިރު ދިވެހިން ދިރިއުޅެމުން ދިޔަ އެއްވެސް ތަނަކަށް އަދި އެއްވެސް ދިވެއްސަކަށްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް "ތޭރަ އޮންލައިން" އާ ވަހަކަ ދައްކަވަމުން ފުއާދު ވަނީ ވިދާޅުވެފައެވެ.

މިހާރު ހުރިހާ ދިވެހިންވެސް ވަނީ އެމީހުންގެ އެޕާޓުމަންޓުތަކަށް ބަދަލުވެފައި. އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އަލްހަމްދުﷲ.

- ފުއާދު

ހުކުރު ދުވަހު ތައިލެންޑަށާ މިޔަންމާ އަށް ބިންހެލުން އައީ 7 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށްވާއިރު ގިން ދިވެހިން އަދި ސަފީރުވެސް އެ ވަގުތު ކޮޅު ސިފަކުރީ ބިރުވެރި ވަގުތުކޮޅެއްގެ ގޮތުގައެވެ. އަދި ގިނަ ދިވެހިން އުޅެމުން ދިޔައީ އުސް އިމާރާތްތަކުގައި ކަމަށްވެފައި ބިން ހެލުން އައި ވަގުތު އިމާރާތުން ފައިބަން ސިޑި ބޭނުން ކުރަން ޖެހުމުން ސަލާމަތްތެރިކަމާ އެކު ފޭބޭނެ ކަމުގެ އުއްމީދު ކުޑަވި ކަމަށްވެއެވެ.

ނަމަވެސް ހުރިހާ ދިވެހިންވެސް ސަލާމަތުން ފޭބި އެ ދުވަހުގެ ވަގުތުތައް ހޭދަ ކުރީ މަގުމަތީގައެވެ. އެގޮތުން އެ ވަގުތު އުސް އިމާރާތްތަކުގައި އުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ ގައުމުގެ ސަރުކާރުން އެންގުމުން ދިވެހިންނާ އެކު ސަފިރުއާ އާއިލާވެސް ތިބީ މަގުމަތީގައެވެ.

ނަމަވެސް އިމާރާތްތަކަށް އަރަން ހުއްދަލިބުމުން މިހާރު ހުރިހާ އާއިލާތަކުންވެސް އެޕާޓުމަންޓުތަކަށް ވަދެފައިވެއެވެ.

އިންޑިއާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާއިން ބުނެފައިވާ ގޮތުގައި މިޔަންމާއަށް ގިނަ ބިންހެލުންތަކެއް ވަނީ އައިސްފައެވެ. 5.0 އިން 7.0 އާއި ދެމެދުގެ ބިންހެލުންތައް އައިސްފައިވާއިރު، އެ އިދާރާއިން ބުނި ގޮތުގައި އެންމެ ބާރު ބިންހެލުމަކީ 7.2 މެގްނިޓިއުޑް ބާރުމިނުގައި އައިސްފައިވާ ބިންހެލުމެކެވެ.

ނަމަވެސް އެމެރިކާއާއި ޗައިނާގެ ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާތަކުން ބުނީ ބިންހެލުން އައިސްފައިވަނީ 7.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved