ކަނޑެވާރެހާ / ސޯޝަލް މީޑިއާ
ހަބަރު
ގދ. ހޯޑެއްދޫ ކައުންސިލްގެ އިހްތިސާސުން ކަނޑެވާރެހާ ވަކި ކުރުން އެ ކައުންސިލުން ކުށްވެރިކޮށްފި
Hussain Nawaf
ހުސައިން ނަވާފް
07 އޭޕްރީލު 2025

ގދ. ހޯޑެއްދޫ ކައުންސިލްގެ އިހްތިސާސްއަށް ބަދަލު ގެނައުން ކުށްވެރިކޮށް އެ ކަމާއި ގުޅިގެން ކައުންސިލުން ބަޔާނެއް ނެރެފިއެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ވަނީ ހޯޑެއްދޫގެ އިހްތިސާސްގައި ކުރިން އޮތް އެ އަތޮޅު ކަޑެވާރެހާ، ހޯޑެއްދޫގެ އިހްތިސާސުން ވަކިކުރައްވާފަ އެވެ.

ރައީސްގެ ގަރާރާ ގުޅިގެން ހޯޑެއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސްގެ ނިންމެވުމަކީ އެއްވެސް މަޝްވަރާއެއް ނެތި ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުން ކަމަށްވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ ނިންމެވުމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ޔަގީންކަމަށް އެ ބަޔާނުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ހޯޑެއްދޫ ކައުންސިލުން ބުނީ އެ ރަށުގެ އިހްތިސާސްގައި ކަނޑެވާރެހާ ހިމަނާފައި އޮތީ 2020 ވަނަ އަހަރު ކަމަށާއި ރައީސް މުއިއްޒުގެ ގަރާރަކުން އެ ރަށް އަތުލީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއް ނެތި ކަމަށް ސިފަކޮށްފައެވެ.

އެގޮތުން އެ ކައުންސިލުންވަނީ ކަނޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސުން ވަކި ކުރި ނިންމުން އަނބުރާ ގެންދިއުމަށާއި ރައްޔިތުންނާއި މަޝްވަރާކޮށް އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށާއި ރަށްރަށުގެ އިހްތިސާސަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ގާއިމު ކުރުމަށް ސަރުކާރަަށް ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved