March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތެލުގެ ދަތިކަމެއް ނެތް ކަމަށް ބުނެ އެސްޓީއޯއިން ރައްޔިތުންނަށް އޮޅުވާލަނީ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 15, 2026, 09:42 PM
މާލެ ސިޓީ

މެދުއިރުމަތީގެ ނުތަނަވަސްކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ރާއްޖެއަށް ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމަށް ބުނެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެއެވެ. އެސްޓީއޯއިން ބުނަމުންދަނީ މިހާރު ހުރި ސްޓޮކުން ތެލުގެ ބޭނުންތައް ފުއްދައި މެނޭޖްކުރެވޭނެ ކަމަށާއި، އަންނަ ހަފުތާގައި އިތުރު ޝިޕްމެންޓްތަކެއް ލިބޭނެ ކަމަށެވެ. ނަމަވެސް ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ މިއާ މުޅިން ތަފާތުކޮށެވެ.

Advertisement

ރާއްޖޭގައި ތެޔޮ އެބަހުރި ކަމަށާއި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިތާ 72 ގަޑިއިރުވެސް ނުވަނީސް، ތެލުގެ އަގު ކުއްލިއަކަށް ބޮޑުވެގެން ގޮސްފައިވާއިރު މިއީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމުގެ ހާމަ ހެއްކެކެވެ. އެއްކޮޅުން ތެޔޮ އެބަހުރި ކަމަށް ބުނެ "ފޮނި" ކަނޑާއިރު، އަނެއްކޮޅުން ތެލުގެ އެހީއަށް އެދި އިންޑިއާ ސަރުކާރުގައި ސަލާންޖަހަން ޖެހިފައި އޮތުމުން، ސަރުކާރުން މިކަމުގައި ރައްޔިތުންނަށް ބޮޑެތި ދޮގުތަކެއް ހަދަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ތެލުގެ އިތުރުން ކައްކާ ގޭހުގެ ހާލަތުވެސް އޮތީ ނާޒުކު ހާލަތުގައެވެ. މޯލްޑިވްސް ގޭހުން މިހާރު ވަނީ ގޭސް ވިއްކުން ލިމިޓްކޮށް، 10 ކިލޯގެ ފުޅީގެ ބަދަލުގައި 5 ކިލޯގެ ފުޅި ޑިސްކައުންޓް ރޭޓެއްގައި ވިއްކަން ފަށާފައެވެ. މިއީ ތަކެތި ހުސްވަމުންދާތީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަމެއް ކަމަށް ބެލެވޭއިރު، އާ ޝިޕްމެންޓެއް ލިބުމުން ހައްލުވާނެ ކަމަށް ބުނާ ބުނުމަށް އެއްވެސް އިތުބާރެއް ނެތެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވާ ގޮތުގައި ތެލުގެ އަގު ކަނޑައަޅަނީ ވެއިޓެޑް އެވަރޭޖަށް ބަލައިގެންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ސީދާ ރައްޔިތުންގެ ޖީބަށް ދަނީ ކުރަމުންނެވެ. ސަރުކާރުން އެސްޓީއޯގެ ފައިދާއިން ސަބްސިޑައިޒް ކުރާ ކަމަށް ބުނި ނަމަވެސް، އާންމު ރައްޔިތުންނަށް ފެންނަނީ ތެލާއި ގޭހުގެ އަގު އަތްނުފޯރާ ފަށަށް އަރައިގެންގޮސް، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ މަންޒަރެވެ.

މިހާލަތުގައި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި މުޢިއްޒު ސަރުކާރު ފެއިލްވެފައިވާ ކަމަށާއި، ދޮގު ޔަގީންކަން ދިނުމުގެ ބަދަލުގައި ހަގީގަތާ ކުރިމަތިލުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved