March 16, 2026
Advertisement
ގަން އިންޓަނޭޝަނަލް އެއާޕޯޓް
ގަން އިންޓަނޭޝަނަލް އެއާޕޯޓް / ފްލައިޓް ރޭޑަރ 24

ގަން އެއަރޕޯޓް މަޝްރޫއުގެ ބައިތަކެއް އުނިކުރުމާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 08:11 PM

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ބަދަލު ކުރެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް އިލްތިމާސްކޮށްފި އެވެ.

Advertisement



އައްޑޫ ސިޓީގެ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ތެރެއިން މަގު ހެދުމުގެ ބައިތަކެއް އުނިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އައްޑޫ ސިޓީ ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ވަނީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި މިފަދައިން މަޝްރޫޢުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމަވާފައިވާތީ މި ނިންމި ނިންމުން މިއީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި، މިނިވަން ދިމިޤުރާތީ މުޖުތަމަޢުތަކުން ޢަމަލުކުރާ އުޞޫލުތަކާ ނުބައްދަލު އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޙައްގު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަން ފާހަގަކޮށް ކަންބޮޑުވުން ފާޅު ކޮށްފައެވެ.




ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަންޖެހޭ މަގުތަކުގެ ތެރެއިން މަގެއްގެ ބައެއް އުނިކޮށް މަޝްރޫޢުގެ ސްކޯޕްއަށް ބަދަލު ގެނައުމަށް މިނިސްޓްރީން ނިންމަވާފައިވާ ޚަބަރު އައްޑޫ ސިޓީ ކައުންސިލުން އަޑު އެހީ ނުހަނު ހިތާމާއާއި އެހާމެ ކަންބޮޑުވުމާއެކުކަން ވަނީ އެ ބަޔާނުގައި ފާހަގަކޮށްފައެވެ.



އަދި އައްޑޫ ސިޓީގެ ތަރައްޤީގެ ކުރިމަގަށް ހުރަސްއެޅިގެންދާނެފަދަ އެއްވެސް ކަމެއް ސަރުކާރުން އަދި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކުރައްވާފާނެކަމަށް ޤަބޫލުކުރުމަކީ ދަތިކަމެއްކަމުގައިވެސް ފާހަގަކުރާ ކަމަށާއި، އިނގިރޭސިން އައްޑޫގައި ދިރިއުޅުނު ޒަމާނުއްސުރެ އައްޑޫގެ ގަމުގައި ހުރި ބައުވެ ވީރާނާވެފައިވާ ޢިމާރާތްތަކެއް ސަރުކާރުގެ ބޭނުމަށް ނުނެގި އޭގެ ސަބަބުން މުޅި ދަޢުލަތް އަމިއްލަ ކުންފުންޏެއްގެ ކުރިމައްޗަށް އާދޭސްކުރަން ޖެހުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.



މީގެ އިތުރަށް ދަޢުލަތުގެ ބޭނުމަށްޓަކައި ބޮޑެތި ރަށްތައް ހުސްކުރުވައި، ބޮޑެތި ޚަރަދުތަކާއި ބަދަލު ދޭންޖެހޭ ފަރާތްތަކަށް އަދާހަމައަށްވެސް ސަރުކާރުން ބަދަލު ދެއްވަމުން ގެންދަވާކަމީ މިހާރުވެސް ހިނގަމުންދާ ކަމަކަށްވެފައި، އައްޑޫ ސިޓީއާއި މުޅި ދެކުނުގެ ތަރައްޤީއަށް މިފަދައިން ހުރަސްއެޅުއްވުމަށް ސަރުކާރުން ނިންމަވާފާނެކަން އެއްވެސް ރައްޔިތަކަށް ޤަބޫލުނުކުރެވޭނެކަން ޔަޤީން ކަމެއް ކަމަށް ކައުންސިލުން ބުންޏެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved