ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީސް އިންތިހާބުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަންކުރުމުގެ ފުރުސަތު އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުކުރު ދުވަހުގެ 15:00 އިން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފަވެ.
މަންދޫބުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި:
އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
ޖިނާއީ ކުށެއްގައި ހުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.
ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުން.
ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
އީސީއިން ބުނެފައިވާ ގޮތުގައި އީ-މެއިލް މެދުވެރިކޮށް ފޯމު ބަލައިގަތުމުގެ އިތުރުން އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ އެވެ.
އެ މަރުކަޒުން ފޯމު ބަލައިގަންނާނީ ފޯމު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 03:00 އާ ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ފެށިގެން ހަވީރު 05:00 ހަމަ އަށެވެ.