ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން / ސޯޝަލް މީޑިއާ
ސިޔާސީ
ޝަމްޢާން ބަންދުކުރި ކޯޓު އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުން ނިންމައިފި
Hussain Nawaf
ހުސައިން ނަވާފް
10 އޭޕްރީލު 2025

މި ސަރުކާރުގެ ފުރަތަމަ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުން ނިންމައިފިއެވެ.

ޝަމްޢާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ 22 މާރޗް 2025 ގައެވެ. އަދި 26 މާރޗް 2025 ގައި ޝައްމާން ބަންދު ކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައި ނުގަނެ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން ޝަމްޢާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި މި މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބުދަ ދުވަހު ވަނީ ނިންމާފައެވެ. ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރުން ހުޒައިފާ މުހައްމަދު، ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމް އެވެ.

ޝައްމާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ 6 އޭޕްރީލް 2025 ގައެވެ.

ޝަމްޢާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި ޝަމްޢާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

ޝަމްޢާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved