ރައީސް ޔާމީން ވަނީ ޖުޝިއަރީއަށް ރައީސް މުއިއްޒު ނުފޫޒުފޯރުވާއިރުވެސް މުއުތަސިމް ބަސްފުޅެއް ވިދާޅު ނުވާތީ ނުރުހުން ފާޅުކުރައްވާފައި / އަވަސް.އެމްވީ
ސިޔާސީ
އުއްތަމަ ފަނޑިޔާރުގެ އިޚްލާސްތެރިކަމެއް ހުރި ނަމަ މިހާރު އިސްތިއުފާދީފީސް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
14 އޭޕްރީލު 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނާ މެދު ރައީސް ޑރ މުހައްމަދު މުއިއްޒު އަމަލުކުރައްވަމުންދާ ގޮތާ މެދު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ބަސްފުޅެއް ވިދާޅުނުވެ ހުންނަވާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުންފާލުކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން، އަދި ޕާޓީން ވަކި ކުރުމުން ވެސް މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް މި ވެރިކަމުގައި ވަނީ ގާނޫނަށް ބަދަލު ގެނައުމުން ސުޕްރީމު ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ހުއްޓުވުމަށް އެ ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ރައީސް މުއިއްޒު ޖުޑިޝިއަރީއަށް ފާޅުގައި ނުފޫޒު ފޯރުވަމުންދާ ދިއުމާ މެދު ފަނޑިޔާރުންގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހުންނަވާ އުއްތަމަ ފަނޑިޔާރު ބަސްފުޅު ވިދާޅުވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފެންނަމުން ދަނީ މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރުވެގެން އުއްތަމަ ފަނޑިޔާރު ހުންނަވާ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރުއާ އެކީ މަސައްކަތް ކުރާ ބެންޗުން ދެ މީހުން ތިން މީހުން ގެންދިޔައިރު ވެސް، މީނައަކަށް ހީއެއްނުވޭ ކަމެއްވާހެން ވެސް. މުސާރަ ލިބޭތީ ހަމަ ކޮންމެ ކަމެއް ހެޔޮވަރު. އޭނައަކީ އެއްވެސް ކަހަލަ އިންޓަރގްރިޓީއެއް ހުރި މީހަކު ކަމުގައި ވަނީނަމަ ހަމަ މިކަމުގައި އިހުތިޖާޖުގައި އިސްތިއުފާދީފައި ދުރަށް ދާން ޖެހޭ. އޭނައަކީ ގާނޫނު ދެމެހެއްޓުމުގައި އަދްލު އިންސާފު ދެމެހެއްޓުމުގެ ކަސްޓޯޑިއަލްއެއް.

- ރައީސް ޔާމީން

ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަދުން ފެށިގެން ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އެ ވައުދާ ސީދާ ޚިލާފަށް ރައީސް މުއިއްޒު ކަންކުރައްވަމުންގެންދަވާތީ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ އެންމެ އުނދަގޫވާ މައްސަލައަކީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved