- / ސޯޝަލް މީޑިއާ
ހަބަރު
މަޖިލިސް ތަޅުމުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީގުކުރައްވަންދެން ސަހްޔޫނީ ޕާސްޕޯޓުގައި އަދިވެސް ރާއްޖެ އެތެރެ ވެވޭނެ!
14 އޭޕްރީލު 2025
މާލެ ސިޓީ

ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް އެތައް ބަހަނާއެއް ދެއްކުމަށް ފަހު އެ ޕާސްޕޯޓު، ހަމަލާތައް ހުއްޓާލަން ދެން މަނާކުރަން މަޖިލީހުގެ ކޮމިޓީއިން ނިންމި ނަމަވެސް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވަން ދެން ސަހްޔޫނީ ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭނެއެވެ.

ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކޯށް ދިގުދަންމާ 316 ދުވަސް ފާއިތުކުރުމަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ތިބޭނެ ކަމަށް ބުނާ ޕީއެންސީގެ ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައީސް މުއިއްޒުގެ މަޖިލީހުގެ 241 ކޮމިޓީއަށް، އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފެށި ނަސްލުހޭދަ ނިންމާ، ހަމަލާތަލާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.

މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މީގެއިތުރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ބިލުގައި ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ހެދުމަށް އޮތް ނުކުތާ ވަނީ އުނިކޮށްފައެވެ.

ކޮމިޓީން މިގޮތަށް ބިލު އިސްލާހުކުރީ ބިލާ ގުޅޭގޮތުން ބަންޑާރަ ނައިބާ މަޝްވަރާކުރުމަށްފަހު ގައި ކަމަށްވެއެވެ.

މީގެއިތުރުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުންގެ ޑުއަލް ސިޓިޒަންޝިޕް އޮތަސް، އެ ނުބެލޭނެ ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު ދައްކާ މީހުންނަށް އެކަނި ރާއްޖެ ނުވަދެވޭ ގޮތް ހަދަން އިމިގްރޭޝަނުން ބިލަށް ހިޔާލެއްވެސް ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅޭގޮތުން ކޮމިޓީން ގޮތެއް ނުނިންމައެވެ.

ސަހްޔޫނީންގެ ތެރެއިން ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނެވެ. އެގޮތުން މި އިސްލާހު އިމިގްރޭޝަނުން އެދިފައިވާ ގޮތަށް ފާސްކޮށްފި ނަމަ، އިޒްރޭލުގެ ގިނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެއެވެ. އަދި މިހާރު ކޮމިޓީއިން ނިންމި ނިމުން ވެސް މަޖިލީހުގެ ތަޅުމުން ފާސްކޮށް ރައީސް މުއިއްޒު ތަސްދީގުކުރައްވަންދެން ސަހްޔޫނީ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވެވޭނެކަން ވެސް ފާހަގަކޮށްލެވެއެވެ.

ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔައްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހާއި ސަރުކާރު ނުކުޅެދިފައިވާ ވަނިކޮށް މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް ސަހްޔޫނީންގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަހްޔޫނީ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved