ރައީސް ޔާމީންގެ އިލްތިމާސެއް: މަގާމާ މުސާރައިގެ ދަހިވެތިކަމުގައި އަންނަ މީހުން އިސްކޮޅާ ނުބައްދަލު ވާހަކަ ނުދައްކަވާ / ރައީސް އޮފިސް
ސިޔާސީ
ރައީސް ޔާމީންގެ އިލްތިމާސެއް: މަގާމާ މުސާރައިގެ ދަހިވެތިކަމުގައި އަންނަ މީހުން އިސްކޮޅާ ނުބައްދަލު ވާހަކަ ނުދައްކަވާ
Mariyam Isaadha
މަރިޔަމް އިސާދާ
17 އޭޕްރީލު 2025
މާލެ ސިޓީ

މައްސަލަތަކުގައި ތަހުގީގުފުރިހަމަ ދައުވާކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވި ވިދާޅުވުން ހަނދާން އައުކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އަދްލުއިންސާފުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާ ރައީސް ޔާމީން ވިދާޅުވީ އޭގެ އެންމެ ފުރިހަމަ މިސާލަކީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ މައްޗަށް ކުރާ ތުހުމަތުގައި އޭނާއާ މެދު ކަންކުރަމުންދާ އުސޫލާ އަދި ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، އޭސީސީގެ ރައީސް ޝާމިލްއާ ދެކޮޅަށް ހުށަހެޅުއްވި ޖިނާއީ މައްސަލަތަކެއް ނުބަލަން ފުލުހުން ނިންމި ނިންމުން ކަމަށެވެ.

އެގޮތުން ވަކި މައްސަލަތަކެއް ބަލާ ވަކި މައްސަލަތަކެއް ނުބެލުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބިގެން ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ފުލުހުންގެ ފަރާތުން ޣައިރު ގާނޫނީ ކަންކަން ހިންގަމުންދާއިރު ޕީޖީ އެކަމާ މެދު ބަހެއް ނުބުނާ ސަބަބާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން އެންމެ ފުރިހަމައަށް ބަލާ ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ކުރުމެއް ނެތި ދައުވާކުރާނެ ކަމަށް ޕީޖީ އައްބާސް މަގާމާ ހަވާލުވެވަޑައިގެން ވިދާޅުވި ނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގައި ތިބެ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު މަގާމުން ވަކިވެގެން ގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ފެނަކައިގެ ކުރީގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދުއާ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުއާ އެމްޕީއެލްގެ ކުރީގެ ސީއީއޯ ވަޖީހުމެން ފަދަ މީހުންގެ މައްސަލަ ބަލާ ދައުވާ ނުކުރާ ނުކުރުމަކީ އެއީ ޕީޖީގެ އިންޓަރގްރިޓީއާ މެދު ސުވާލު އުފެދޭ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަތައް ނުވެސް ބެލޭނެ ކަމަށާ އެހެނީ މޭޒުގެ އަނެއް ފަޅީގައި އެ މީހުން ތިބެގެން މައްސަލަ ބަލަން ފަށާއިރު އެ މައްސަލަ ގޮސް ނިމޭނީ ރައީސް މުއިއްޒާ ހަމައަށް ކަމަށްވުމުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ޕީޖީ އައްބާސް ވެސް މޫނަކަށް ކަނދުރާއަކަށް ނުބަލާ ދައުވާ ކުރައްވާނަމޭ ވިދާޅުވީ މަގާމުގެ ދަހިވެތިކަމުގައި ކަމަށާ މަގާމާ މުސާރައިގެ ދަހިވެތިކަމުގައި ވެސް އިސްކޮޅާ ނުބައްދަލު ވާހަކަ ދައްކަވަން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދު އުވާލާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަމުގައި އެމަނިކުފާނުގެ އިޚްލާސްތެރި ނިޔަތެއް ނެތް ކަމަށެވެ. އެކަމުގައި ގަނޑު ބަލައިގެން ދެއްކި ވާހަކައިގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އިޚްލާސްތެރިކަމެއް ހުރި ނަމަ ވެރިކަމަށް 17 މަސް ވެގެން ދިޔައިރު ވާނުވާ ބަންދު އުވާލަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިހާރު އޮންނާނީ ކޮށް ނިންމާފައިކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved