ޒަކިއްޔާ / ސޯޝަލް މީޑިއާ
ހަބަރު
މައުލޫމާތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދުމަށް ޒަކިއްޔާގެ އާއިލާއިން ގަސްތުކުރޭ!
Mariyam Isaadha
މަރިޔަމް އިސާދާ
18 އޭޕްރީލު 2025
މާލެ ސިޓީ

މައުލޫމާތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދުމަށް ގަސްތުކުރާ ކަމަށް، ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ޒަކިއްޔާ މޫސާގެ އާއިލާއިން ހާމަކޮށްފިއެވެ.

އެ އާއިލާއިން މިފަދައިން ހާމަކޮށްފައިވަނީ ނެރުނު ބަޔާނެއްގައެވެ. ޒަކިއްޔާގެ އާއިލާގެ ފަރާތުން އޭނާގެ އެއްބަޑު އެއްބަފާ ކޮއްކޮ އައިމިނަތު ޝަޒިއްޔާ ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ފުލުހުްނ ބުނެފައިވާތީ ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީއަަށް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު ފުލުހުން އެދިގެން އާއިލާއާ އެކު ބައްދަލުވުމެއް ބާއްވާ ވާޗުއަލް ރިޕޯޓުކަމަށް ބުނާ ރިޕޯޓެއް ދުރު ދުރުން ބަލާލަން ފުރުސަތު ދިން ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި އާއިލާއަށް ގަބޫލު ނުކުރެވޭ ކަންކަން ހުރުމާ އެކު އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން އެއީ އަމިއްލައަށް މަރުވި މަރެއް ކަމަށް ފުލުހުން ތަކުރާރުކޮށް އާއިލާއަށް ވިސްނައިދޭން މަސައްކަތްކުރަމުންދާއިރު އެކަމާ ގުޅިގެން އާއިލާއިން ކުރި ގިނަ ސުވާލުތަކަކަށް ފުލުހުންނަށް ފުރިހަމައަށް ޖަވާބުދެވިފައިނުވާތީ އާއިލާއިން އެކަމާ މެދު ސުވާލު އުފައްދާފައިވެއެވެ.

ރިޕޯޓުގައި ހިމެނޭ ކަމަށް ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން އާއިލާގެ ފަރާތުން ކުރި ބައެއް ސުވާލުތަކަށް
ދިން ޖަވާބުން އެ ޑޮކިއުމަންޓުން ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެންކަން ސާފު ނުވާ ކަމަށް އެނގޭ ކަމުގައެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ފަދަ މުހިންމު މައުލޫމާތުތައް ރިޕޯޓުން އެނގެން ނެތް ކަމުގައި އާއިލާއިން ފާހަގަކުރެއެވެ.

އާއިލާއިން ބުނި ގޮތުގައި އެ ސަބަބުތަކާ ހުރެ އާއިލާގެ ފަރާތުން އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމުގަ އެވެ. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއް ނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމުގައެވެ.

އެގޮތުން ވެސް މައުލޫމާތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދުމަށް އާއިލާއިން ގަސްތުކުރާ ކަމުގައެވެ.

ބަޔާނުގައި އިތުރަށް ބުނީ ޒަކިއްޔާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން އެންމެ ކުޑަމިނުން ސާފުކޮށްދޭން ޖެހޭއިރު، ނަފްސާނީ ބަލީގެ ގޮތުގައި އޭނާ ޑައިގްނޯސް ކުރެވިފައިވާ ބައްޔެއް މިހާތަނަށް ތަހުގީގުން ސާފުކޮށްދީފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އެންމެ ކުޑަމިނުން އަމިއްލައަށް މަރުވި ކަމަށް ބެލި ނަމަވެސް އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް ދެނެގަތުމަކީ ތަހްގީގުގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އާއިލާއިން ދެކޭތީ ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޒަކިއްޔާގެ މަރުގައި އާއިލާއަށާ ރަށު ރައްޔިތުންނަށްވެސް ޝައްކުވާ އެތައް ކަމެއް ހުރިއިރު އެ މަރުގެ ހަގީގަތް ހޯދުމަށް ކެނޑިނޭޅި ރައްޔިތުން ދަނީ ގޮވާލަމުންނެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސިއެއް ނުހަދާ ވަޅުލީ ގޯހަކުން ކަމަށް ހޯމް މިނިސްޓަރު އިހުސާނުވެސް ކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved