March 15, 2026
Advertisement
އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް އަޒުލު ކުރަންޖެހޭވަރު ކަމެއް: ޑރ އަހުމަދު
އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް އަޒުލު ކުރަންޖެހޭވަރު ކަމެއް: ޑރ އަހުމަދު / ސޯޝަލް މީޑިއާ

ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް އަޒުލު ކުރަން ޖެހޭވަރުގެ ކަމެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 18, 2025, 10:29 PM
މާލެ ސިޓީ

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރަންޖެހޭވަރު ކަމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

Advertisement

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުގެ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިންތިޚާބުގައި ބައިވެރިވެ ވޯޓު ދިން މީހުންގެ 50% + 1 ވޯޓު، ނުވަތަ ވޯޓު ދިން މީހުންގެ މުޠްލަޤު (absolute) މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ޙާލަތުގައި ، އިންތިޚާބުގެ 2 ވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާވެސް، ކަނޑައެޅިގެން ޤާނޫނު އަސާސީގައި އިސްތިޤުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިޤުރާޠީ ނިޒާމާއި ޚިލާފު ޣައިރު ދުސްތޫރީ ޢަމަލެއްކަމާ މެދު އެއްވެސް ޚިލާފެއް ނެތް ކަމަށެވެ.

އެހެންކަމުން ޑިމޮކްރެޓިކް ނިޒާމު ފުނޑާލަން މަސައްކަތް ކުރުން ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފުކަމެއްކަން ފާހަގަކުރައްވާ ޑރ އަހުމަދު ވަނީ ޣައިރު ދުސްތޫރީ ޢަމަލަކަށް އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ފާޅުގައި ގޮވާލުމަކީ “ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތަން” ރައީސުލްޖުމްހޫރިއްޔާ ކޮށްގެން ހުރި ހުވަޔާއި ޚިލާފުވުން ކަމަށެވެ.

އެހެންކަމުން އެއީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަޒްލުކުރަންޖެހޭފަދަ ޢަމަލެއް ކަމަށް ޑރ އަހުމަދު ފާހަގަކުރައްވާފައިވެއެވެ.

ޑރ އަހުމަދު މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަށް ފަހު މިހާރު އެކަމުގެ އަމަލީ ސިފަ ގެނައުމަށް މަޖިލިސް މެމްބަރުންގެ ތާއީދު ހޯދުމަށް އެމަނިކުފާނު މަސައްކަތް ފެއްޓެވިކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved