ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ / ރައީސް އޮފިސް
ހަބަރު
ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ސައީދު އަށް ތިޔަ ފެންނަނީ ކިހިނެތް އޮވެ ބެލުމުން ހެއްޔެވެ.؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 އޭޕްރީލު 2025
މާލެ ސިޓީ

ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ 17 މަސް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20ރ. އަށް އުފުލިއްޖެ އެވެ.

ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވަމުންދާ ކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.

ސައީދު ވިދާޅުވީ މިއީ މީގެ ކުރީން ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދައް ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަން ރައީސްގެ ޕޮޑްކާސްޓުގައި މީގެ ކުރިން ފާހަކޮށްފައި ވާކަމަށެވެ. ޑޮލަރު މާރުކުރުން ކުރިއަށް ދާކަމަށާއި މިކަން ނުހުއްޓޭކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

ހަމަ މިއާއެކު އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށްއޮތްތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ، އެކަން އެގޮތަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭއިން ވެސް ވަނީ ވިދާޅުވެފަ އިނގޭތޯ.

- ސައީދު

ސައީދު މިހެން ވިދާޅުވި ނަމަވެސް ޑޮލަރު މާރުކުރަން ފެށިތާ ހަތަރު މަސް ވާން ގާތްވީއިރު, އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް ނާދެ އެވެ. ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެން ހުރީ 19.40ރ. އަށެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved