

ހުކުރު ދުވަހުގެ ހެނދުނު މާލޭގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ ވެއްޓެން ދިމާވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް ހާމަވި ހާމަވުންތަކުން، އެ ހާދިސާއާ ސިޔާސީ ބައެއް ފަރާތްތަކުގެ އާއިލާތަކާ ގުޅުން ހުރި ކަމަށް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެނެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ހައްވާ ޔުމްނާއެވެ.
އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް މީސް މީޑިޔާގައި މިހާރު ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެއީ ހައި ޕްރޮފައިލްޑް ސިޔާސީ މީހަކާ ގުޅުން އޮތް ކަމެއް ކަމަށާ އެ ހާދިސާ ހިނގާފައިވަނީ ސިޔާސީ މީހެއްގެ ގޭތެރެއިން އައި ކަމެއްގެ ތެރެއިން ކަމަށް ބުނެ މީސް މީޑީޔާގައި އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފޮޓޯއާ ޒާތީ މައުލޫމާތުވެސް އާންމުކޮށް ފުލުހުން އެކަން އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ކުރަމުން. މީގެ އިތުރުން، އަންހެން މީހާ ވެއްޓުނީ ނޫން ކަމަށާއި އެ މީހާ ރޭޕުކޮށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ތުހުމަތުތައް އަމާޒުކޮށްފައިވެއެވެ.
އެ ކަމާ ގުޅިގެން ފުލުހުން މިރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އެ ހާދިސާ ހިނގި ގެއާއި އެ އަންހެން މީހާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިފައެވެ.
ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އެ އަންހެން މީހާ ވެއްޓުނީ އަމިއްލައަށެވެ. ނަމަވެސް ވެއްޓުނީ ކިހިނެއްކަން އަދި ތަހުގީގަށް ދެނަގަނެވިފައި ނުވާ ކަމަށާ އަދި އެ އަންހެން މީހާ ވެއްޓުނު ގެއަކީ އެ އަންހެން މިހާ އެއްވެސް ގުޅުމެއް އޮތް ގެއެއް ވެސް ނޫންކަމަށް ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހުކުރު ވިލޭރޭގެ މެންދަމު 12:00 އާ 12:30 އާ ދެމެދު، މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކުން ޖުމްލަ 08 މީހުން ނުކުތްކަން ފޫޓޭޖުތަކުން ދައްކާއިރު އެ ގެއިން ނުކުމެގެން ހަތަރު މީހަކު ހެންވޭރުގައި ހުންނަ ގެއަކަށް ދިޔަ ކަމަށެވެ. އަދި އެގެއިން އެރޭގެ ފަތިހު 04:00 އާ 04:30 ދެމެދުގެ ވަގުތެއްގައި ނުކުމެގެން ހ. ފެންޓޯނިއާ ދިޔަ ކަމަށް ފެންނަ ކަމަށެވެ. އެ ދިޔަ ދިއުމުގައި ޔުމްނާއާ އެކު އެހެން ފިރިހެނަކުވެސް ހިނގާފައި ދާ މަންޒަރު ފެންނަ ކަމަށާ އެ ދެމީހުންނާ އެކު ދެން ދިޔަ ދެމީހުން ދިޔައީ ސައިކަލެއްގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ފެންޓޯނިއާއަށް ވަނީ ޔުމްނާއާ އަދި އޭނާއާ އެކު ދިޔަ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ ކަމަށާ އެ ގެއަށް ވަދެ އެ ގޭގެ ސިޑިން 9 ވަނަ ފަންގިފިލާއަށް އަރާފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ގޭގެ ސިޑިން އެކި ފަހަރު އަރާ ފައިބާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށާ އަދި އެ ރެކޯޑީންއަކީ އަޑާ މަންޒަރުވެސް ރެކޯޑު ކުރެވޭ ކެމެރާއަކުން ކޮށްފައިވާ ރެކޯޑިންއެއް ކަމުން ސާފުކޮށް އެ ދެމެދުގައި ދެކެވިފައި ހުރި ވާހަކަތަކުގެ އަޑުވެސް ހުރި ކަމަށެވެ.
މަންޒަރު ފެންނަ ގޮތުގައި އެ ދެމީހުން އެގޭގެ ސިޑި ގޮޅީގައި އުޅުނު އުޅުމުގެ ތެރޭގައި ފަތިހު 04:51 ގައި އަންހެން މީހާ އެގޭގެ 8 ވަނަ ފަންގިފިލާއަށް ސިޑިން ފަޭބުމަށް ފަހު އަނެއްކާވެސް ސިޑިން 9 ވަނަ ފަންގިފިލާއަށް އަރާ މަންޒަރު ފެނެއެވެ. އޭގެ އިރުކޮޅެއް ފަހުން ފިރިހެން މީހާ 7 ވަނަ ފަންގިފިލާއިން އަރާ 8 ފަންގިފިލާގައި ހުއްޓާ 9 ވަނަ ފަންގިފިލާއިން އެއްޗެއް ވެއްޓި ޖެހޭ އަޑު ވަރަށް ބާރަށް ފޫޓޭޖުއަށް އަރާފައި ހުރެއެވެ. ފޫޓޭޖުން ހާމަވާ ގޮތުގައި އޭރު ގަޑިން ފަތިހު 04:52:05 އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި އެ އަޑަކީ އަންހެން މީހާ 9 ވަނަ ފަންގިފިލާއިން ވެއްޓި ހ. މިޓާޒް ގޭގެ ފުރާޅު މަތީގައި ޖެހުނު އަޑެވެ. އެއަށް ފަހު ފިރިހެން މީހާ 9 ވަނަ ފަންގިފިލާއަށް އަރާ އަންހެން މީހާ ނުފެނިގެން ހޯދި ކަމަށާ މަގު މަތިން ދިޔަ މީހުންގެ އެހީތެރި ކަމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެގޭގެ ޓެރަސްއަކީ ތަޅުލާފައި ހުންނަ ޓެރަހެއް ކަމަށާ ޓެރަސް ހުޅުވާފަިއވަނީ ފުލުހުންގެ ހާޒިރުގައި ކަމަށްވުމުން އެ އަންހެން މީހާ ވެއްޓުނީ ޓެރަހުން ނޫންކަމަށާ އަންހެން މީހާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލާގެ ފެންލައިޓުން ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ ދެމީހުންވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށާ ދެމީހުންގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާ އެއްޗިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ފިރިހެން މީހާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާއިރު އަންހެން މީހާގެ ފައިނަލް ރިޕޯޓު އަދި ނުލިބޭ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ބަލާ ފާސްކޮށްފައިވަނީ ފިރިހެން މީހާ ދިރިއުޅުނު ގެ ކަމަށާ ފިރިހެން މީހާ ފުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިކަމުގައި ސިޔާސީ ގޮތުން މަގާމެއްގައި ހުރި މީހަކު ފުލުހުންނަށް އެނގިގެން ނެތް ކަމަށާ ނަމަވެސް ސިޔާސީ ފަރާތްތަކުގެ އާއިލާތަކާ ގުޅުން ހުރި މީހުން މި މައްސަލައިގައި ހިމެނޭ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލު ފުލުހުން ދީފައިނުވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އަންހެން މީހާ ވެއްޓުމުގައި ފިރިހެން މީހާގެ އެއްވެސް އަތެއް ނުވާ ކަމަށެވެ. އަދި އަންހެން މިހާގެ ހާލަތު މިހާރު ރަގަޅުވަމުން އަންނަ ކަމަށާ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުންވެސް ނަގާފައިވާ ކަމަށެވެ.