
ސަރުކާރުގެ އިސް މަގާމުތަކެއް ފުރައްވަމުން ގެންދަވާ ހީނާ ވަލީދުގެ މައްޗަށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދަނިކޮށް، މާލޭގެ ފަރީދީމަގުގައި 6 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ފިހާރައެއް ހުޅުވަން ތައްޔާރުވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި ހީނާ ވަލީދު "ވައިލްޑް ރޯސް" ގެ ނަމުގައި ހުޅުވާ މި ފިހާރައިގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެމްއެންޑްއެސް، ޗާލްސް އެންޑް ކީތު އަދި އެޗްއެންޑްއެމް ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅިގެން އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، 2023 ވަނަ އަހަރު ޕީއެންސީ ވެރިކަމަށް އައިއިރު ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑަށް އެތައް ހާސް ރުފިޔާއަކުން ދަރާފައި ހުރި މީހަކު، އެންމެ ދެ އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި 6 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާނެ ފައިސާ ހޯދި ގޮތާ މެދުގައެވެ. މަހަކު 65,000 ރުފިޔާގެ މުސާރައެއް ލިބޭ މަގާމެއްގައި ހުރެ، މިހާ ކުރު މުއްދަތެއްގައި މިފަދަ ބޮޑު ހޭދައެއް ކުރުމަކީ ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
މި އިންވެސްޓްމަންޓް ފޮރުވުމުގެ ގޮތުން، ފިހާރަ ހިންގާ "އެސް އެންޑް އެޗް ޓްރޭޑިންގ" ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ހީނާގެ ތިމާގެ މީހެއް ކަމަށްވާ ޝަހުމާ ނަޖީބުގެ ނަމުގައެވެ. ޝަހުމާއަކީ ސްޓެލްކޯގެ އެކްޓިންގ އެމްޑީ އަޒްވަރުގެ ކޮއްކޮގެ އަންހެނުންނެވެ.
ހީނާ ވަލީދު އިސްކޮށް ހުންނަވާ އެންސްޕާއަކީ އަހަރަކު 3.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ބަލަހައްޓާ މުއައްސަސާއެކެވެ. ތުހުމަތުތައް ބުނާގޮތުން، އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރުމަށް އެމްއެމްއެޗް ކުންފުންޏާއެކު ވެފައިވާ 34.8 މިލިއަން ރުފިޔާގެ އެއްބަސްވުމާއި، އެތަނުގެ އެތެރޭގެ މަސައްކަތަށް ހިނގި 23 މިލިއަން ރުފިޔާގެ ތެރެއިން ހީނާއަށް ބޮޑެތި އަދަދުތަކުން ކޮމިޝަން ލިބިފައިވެއެވެ. މި މުއާމަލާތްތައް ފަޅާއަރުވާލުމާ ގުޅިގެން ފަހުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
މީގެ އިތުރުން، އެންސްޕާއިން ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީތައް ދިނުމުގައިވެސް ވަކި ބަޔަކަށް އިސްކަންދީ، ބައެއް ފަރާތްތަކުގެ އަތުން ކޮމިޝަން ނަގާ ކަމުގެ ޝަކުވާތައް ވަނީ އާންމުވެފައެވެ. ރައީސް މުއިއްޒުއާ އޮންނަ ގާތް ގުޅުމުގެ ނާޖާއިޒު ފައިދާ ނަގައި، ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅިގެން ހީނާ ވަލީދު ދަނީ ރައްޔިތުންގެ ފައިސާއިން މުއްސަނދިކަން ހޯދަމުން ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، އާންމު ރައްޔިތުން ދަތި ހާލުގައި އުޅެމުންދާއިރު، ސަރުކާރުގެ އިސްވެރިންގެ މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމުގެ ނަތީޖާ އަންނަ މަހު ބާއްވާ އިންތިޚާބުން ފެނިގެންދާނެއެވެ.










