ޔުމްނާ ވެއްޓުނު ގެ -- / ސޯޝަލް މީޑިއާ
ހަބަރު
އަންހެން ކުއްޖާ ވެއްޓުނު މައްސަލަ ތަހުގީގުކުރަނީ އުސޫލުން ބޭރުން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 އޭޕްރީލު 2025
މާލެ ސިޓީ

މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ތަހުގީގު އާންމު އުސޫލުން ބޭރުން، ހާއްސަ ގޮތަކަށް އަދި މައުލޫމާތު ހިފަހައްޓައިގެން ކުރިއަށްގެންދިއުމުގެ ސަބަބުން އިންސާފު ހޯދުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެމްޑީޕީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ.

ޒުވާނުން އެއްވެ ޝުއޫރު ފާޅުކުރަމުން އަންނަނީ އާޓިފިޝަލް ބީޗުކައިރި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ދޮށުގަ އެވެ.

ޒުވާނުން އެކިއެކި ޝުއޫރު އަންނަނީ ފާޅުކުރަމުންނެވެ. އަދި ފުލުހުންނަށް މި މައްސަލައިގައި އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް އަންނަނީ ކިޔަމުންނެވެ.

އެ ހާދިސާގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ތަހުގީގު ކުރިއަށް ގެންދާ ގޮތުން މި ހާދިސާގައި އިންސާފު ލިބެން ހުރަސްތަކެއް ހުރި ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ތަންފީީޒު ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބަކަށްވާއިރު، މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނުނު ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ،

- އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާ ނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލާފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، އެ ވަބާގައި ޒުވާނުން ޖެހި، އިޖުތިމާއީ ފޭރާން ވީރާވާވަމުން އަންނަކަން ފާހަގަކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، އެ ވިޔަފާރި ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އެ މީހުން ތިބި ކަމަށް ރޭގެ ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި "މާލޭގެ މެދުތެރޭގައި" ހުރި ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ ކަމަށް ބުނެ އެކަން ވެސް މީޑިއާ ތަކުގައި އަންނަނީ ރިޕޯޓް ކުރަމުން ނެވެ.

އެނގިފައިވާގޮތުގައި ފުލުހުން ނަން ހާމަނުކުރި ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު ޔުމްނު އާއި އިތުރު ހަ މީހުން ދަންވަރު 3:40 ވަންދެން ތިބި ކަމަށް ފުލުހުން ބުނި ގެ އެވެ.

މި ކަމާ ގުޅިގެން އަމީން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ދިރިއުޅޭ ގޭގައި އެ ފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ އަނެއް ދުވަހުގެ ހަވީރު ކަމަށެވެ. އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމަށާއި، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ

ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ސިއްރުކޮށްގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މިނިސްޓަރު އަމީންގެ ގެ ފިޔަވައި ޔުމްނުމެން ވަތް އެހެން ހުރިހާ ގެއެއްގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ބުނީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި އަންހެން މީހާ ވެއްޓުމުގައި ފިރިހެން މީހާގެ އެއްވެސް އަތެއް ނުވާ ކަމަށެވެ. އަދި އަންހެން މިހާގެ ހާލަތު މިހާރު ރަގަޅުވަމުން އަންނަ ކަމަށާ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުންވެސް ނަގާފައިވާ ކަމަށެވެ.

މި ހާދިސާގައި ޝާމިލް ވަނީ ސަރުކާރުގެ ނުފޫޒު ގަދަ ބޭބޭފުޅުންގެ ދަރިން ނުވަތަ އާއިލީ މީހުން ކަމަށާއި އެމީހުންގެ ވަނަވަރު ސިއްރު ކޮށް އެމީހުން ހިމާޔަތްކުރަން ފުލުހުން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަތައް ދަނީ ފަތުރަމުންނެވެ.

މި ފިރިހެންމީހާ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައި ވާއިރު، ހައްޔަރުކޮށްފައެއް ނުވެއެވެ. އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ވަނީ ކޮން އުސޫލެއްގެ ދަށުންތީ ވެސް އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

މަސްތުވާތަކެތި، ވައްކަން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާ މީހުންގެ ވަނަވަރު އާންމު ކުރުމަކީ ފުލުހުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިފަދަ މައްސަލަތަކުގައި ބަންދު ކުރާ މީހުންގެ ވަނަވަރު އާންމު ކުރަނީ އެއީ ދެރަ ނިކަމެތިންނަށް ވުމުންކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved