

އޭނާ ދިރިއުޅޭ އިމާރާތުގައި ކަމެއް ހިނގިކަން އެނގުނީ ފަހުން ކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވަނީ ފެނިފަ އެވެ. އެއާއެކު، އަމީންގެ ގޭގައި "ޕާޓީއެއް" ބޭއްވި ކަމަށާއި އެ މައްސަލައިގައި ބައިވެރިވާ ކަމަށް ތުހުމަތުކުރާ އޭނާގެ ދެ ކޮއްކޮއެއްގެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ ހުރަސްއަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހުކުރު ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ވެއްޓުނީ ހައްވާ ޔުމްނު ރަޝީދު، 21، އެވެ. ގެއެއްގެ ނުވަ ވަނަ ބުރިން، ޔުމްނު ވެއްޓުނު އިރު، އޭނާއާއެކު އިތުރު މީހަކު އުޅުނެވެ. އެއީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ ރައުދު އަހުމަދު ޒިލާލް، 21، އަށެވެ.
ވެއްޓުނު އަންހެން މީހާ އާއި އޭނާއާ އެކު އެރޭ އުޅުނު އިތުރު ބަޔަކު މާލޭގެ މެދުތެރޭގައި ހުންނަ ގެއެއްގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އެ ގޭގެ ނަން ހާމައެއްނުކުރެ އެވެ. އެއީ އަންހެން މީހާ ފަހުން ވެއްޓުނު ގެއެއް ނޫނެވެ.
އެ މައުލޫމާތު ނޫސްތަކުން ރިޕޯޓުކުރުމާ އެކު ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި އެކި މީހުން ވަނީ އެ ގޭގެ އެޑްރެސް އާންމުކޮށް، އެއީ އަމީންގެ ގެކަން ހާމަކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ރޭ ޒުވާނުން ބޭއްވި އިހުތިޖާޖުގައި މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފަ އެވެ.
އެ ވާހަކަތައް ދޮގުކޮށް، ސޯޝަލް މީޑިއާގައި މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ވަގުތެއްގައި އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ގުޅާފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް މީސް މީޑިޔާގައި މިހާރު ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެއީ ހައި ޕްރޮފައިލްޑް ސިޔާސީ މީހަކާ ގުޅުން އޮތް ކަމެއް ކަމަށާ އެ ހާދިސާ ހިނގާފައިވަނީ ސިޔާސީ މީހެއްގެ ގޭތެރެއިން އައި ކަމެއްގެ ތެރެއިން ކަމަށް ބުނެ މީސް މީޑީޔާގައި އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފޮޓޯއާ ޒާތީ މައުލޫމާތުވެސް އާންމުކޮށް ފުލުހުން އެކަން އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން، އަންހެން މީހާ ވެއްޓުނީ ނޫން ކަމަށާއި އެ މީހާ ރޭޕުކޮށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ތުހުމަތުތައް އަމާޒުކޮށްފައިވެ އެވެ.
އެ ކަމާ ގުޅިގެން ފުލުހުން ރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ހާދިސާ ހިނގި ގެއާއި އެ އަންހެން މީހާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިފަ އެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާއެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
އެއީ އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.
ފުރާޅު މަތިން ނެގުމަށް ފަހު ޔުމްނު ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ބޭއްވީ ވެންޓިލޭޓަރުގަ އެވެ. އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާއިރު، ހާލު އަދިވެސް އެހާ ރަނގަޅު ނޫން ކަަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މި މައްސަލައިގައި އަދި އޭނާގެ ބަހެއް ނޫނީ ފުލުހުންނަށް ބަޔާނެއް ދިން ކަމެއް ސާފެއް ނުވެ އެވެ.
ޒުވާނާއަށް އިންސާފު ހޯދައި ދިނުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ވެސް އަންނަނީ ގޮވާލަމުން ނެވެ.