

ޕައިލަޓުކަން ކިޔަވާ ދަރިވަރުންނަށް، ދެން ލޯނު ދޫނުކުރަން ސަރުކާރުން ނިންމައިފިއެވެ.
އަލަށް ޕައިލެޓުކަން ކިޔަވައިގެން އަންނަ މީހުން ނުވަތަ ކެޑޭޓު ޕައިލެޓުން ރާއްޖެއަށް އިތުރަށް ބޭނުންނުވާ ކަމަށާއި މި ސަރުކާރުން ދެން ޕައިލެޓުކަން ކިޔެވުމަށް ސްޓޫޑެންޓް ލޯން ދޫނުކުރާނެކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން ކެޕްޓަން މުހައްމަދު އަމީންއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ވަޒީފާ އުފެދޭ މިންވަރަށްވުރެ އެތައް ގުނައެއް ގިނައިން ޕައިލެޓުކަން ކިޔަވަމުންދާ ކަމަށާއި މިއީ ރާއްޖެއަށް އެކަނި ޖެހިފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. މިކަން ހައްލުކުރަން ދިވެހި ރައްޔިތަކަށް މެނުވީ ކެޑޭޓު ޕައިލެޓުކަން ނުދޭން އެއާލައިންތަކަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި މިއީ ޖީލަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި މި ސަރުކާރުގައި ޕައިލެޓް ޓްރެއިނިންއަށް އިތުރަށް ފުރުސަތު، މިވަގުތަށް ހުޅުވާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
މި ގައުމަށް މިވަގުތު ކެޑޭޓް ޕައިލެޓުން އިތުރަކަށް ޓްރެއިން ކުރަން ބޭނުން ނޫން ކަމަށާ ނަމަވެސް ދަރިވަރުން ސަރުކާރުން ދޫކުރާ ލޯނުގައި ކިޔަވަން އެދޭ ނަމަ އެހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ނަމަވެސް މިވަގުތު ޓްރެއިން ހަދަމުން އަންނަ ކުދިން ކިޔަވާ ދާއިރާ ބަދަލުކުރަން ބޭނުން ނޫން ނަމަ އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އަމީން ވިދާޅުވިއެވެ.
ޕައިލެޓުކަން ކިޔަވާ ކުދިންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމިކަން ހާމަކޮށްފައި މިވަނީ މި އަހަރު ދޫކުރާ ސްޓޭންޑް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްފައިވަނިކޮށެވެ.