

ކޮވިޑް-19އާ އެކު އޮޕަރޭޝަން މެދުކަނޑާލާފައިވާ އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ހުޅުވޭނެ އިރެއް ނޭނގޭ ކަމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި 2008 ގައި ހުޅުވި 132 ވިލާގެ އެ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެ ރިސޯޓް އޮޕަރޭޝަނަށް އަލުން ގެނެވޭނެ ގޮތެއްވުން ކަމަށެވެ. އެގޮތުން 2020 ގައި ކޮވިޑާ ވިދިގެން ބަންދުކޮށްފައި އޮތް ރިސޯޓްގެ މެދު ހާލަތު ބައްލަވާލެއްވުމަށް މިދިޔަ ރޯދަ މަހު އެ ރަށަށް ވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ރިސޯޓް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި ކުދިކުދި ބައެއް މަރާމާތުކޮށްގެން ތަން ހުޅުވިދާނެ ކަމަށެވެ. އެހެންވެ އެތަން ހުޅުވޭނެ ތާރީހަކާއި ގުޅޭ ގޮތުން ސަރުކާރުން ކޮށް ދެވެން ހުރީ ކޮން ކަމެއްތޯ ބަލަން ޝަންހްރިއްލާ ގްރޫޕްގެ މެނޭޖްމަންޓާ ބައްދަލުކޮށް ދާދި ފަހުން މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
[ނަމަވެސް] އަޅުގަނޑަށް ސީދާ ދަންނަވަން ދަތި ސީދާ ކިހާ ދުވަހެއްގެ ރިޕެއާ ވޯކަށް ފަހު ކަމެއް އެތަން ހުޅުވޭނީ.
ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ވެ އެވެ. އަދި ދެ ރިސޯޓް ނުހުޅުވި ލަސްވާތީ އާއި ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ، ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ތަފްސީލީ ރޯޑު މެޕެއް ހުޅުވާލައި، އަވަސް މުއްދަތެއްގެ ތެރޭގައި އެ ރިސޯޓުގެ އޮޕަރޭޝަންތައް ފަށަން ޝަންގްރިލާ އިން އެއްބަސްވެފައިވާ ކަމަށެވެ.
ޝަންގްރިއްލާ އަވަސް މުސްތަގްބަލެއްގައި ހުޅުވާ ހިދުމަތް ދޭން ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނިމުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑުއަށް ވަޑައިގެން ހުޅުދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އައްޑުއަށް އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތީ ގެދޮރުވެރިކަމާ އެކު ޓޫރިޒަމް ފުޅާކޮށް، ވަޒީފާ އިތުރުކޮށް، އިގްތިސާދީ ވަރުގަދަ ހަރަކާތްތައް ހިންގުން ކަމަަށެވެ. އޭނާގެ ސަރުކާރެއްގައި އެކަން ހަގީގަތަކަށް ހައްްދަވައިދެއްވާނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެތަނަށް [ޝަންގްރިއްލާ ރިސޯޓު] ވަރަށް ސަމާލުކަން ދީގެން، ސަރުކާރުގެ ފުރަތަމަ އަހަރު، 2024ގެ ކުރީކޮޅު އެ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދޭނަން،
މި ސަރުކާރު ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް އައިސް ރިސޯޓުގެ މެނޭޖުމަންޓުގެ ބޭފުޅުންނާ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ނިމުނު އަހަރުގެ ޖުލައި 5 ގައި ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އަމާޒަކީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވޭނެ ތާރީހެއް 2-3 މަސް ތެރޭގައި ކަނޑައެޅުން ކަމަށެވެ.
ޝަންގްރިއްލާ ނުހުޅުވި ދިގުލައިގެން ދިޔަ މައްސަލައާ ގުޅިގެން ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ. އެ ތަން އޭރު މަޝްހޫރުވީ މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގަ އެވެ.
އައްޑު އަކީ ގިނަ އަދަދަކަށް ގެސްޓްހައުސް ވެސް ހުރި ތަނެކެވެ. ނަމަވެސް ދިވެހި ދައުލަތުގެ މާލީ ހާލަތު ގޯސްވެ މުޅި ގައުމުގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން އެތަންތަން ބަންދުކުރަން ޖެހުމުން އައްޑޫގެ އިގުތިސާދަށް ވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައިވެ އެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ 500 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ.