މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.- / ރައީސް އޮފިސް
ހަބަރު
ޕްރެސް ހިނގަމުން ދިޔަ ވަގުތު މިނިސްޓަރު އަމީން ސީޕީ ޝުޖާއު އަށް ގުޅިކަން ހާމަވެއްޖެ
Hussain Nawaf
ހުސައިން ނަވާފް
25 އޭޕްރީލު 2025

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާ އާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުންދިޔައިރު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަށް ގުޅުއްވިކަން ހާމަވެއްޖެ އެވެ.

މި މައްސަލައާ މިނިސްޓަރު އަމީން ގުޅެނީ ބުރާސްފަތި ދުވަހުގެ ރޭ މި މައްސަލާގައި ޝާމިލުވާ މީހުން އަމީންގެ، ގ. މާންދޫގޭދެކުނުގެ އަށް ގޮސްފައިވާތީއެވެ. މަސްތުވާތަކެއްޗާ އެކު އެ ގޭގައި ޕާޓީ ކުރި ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ހެދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަމީން ގުޅިކަން ހާމަވީ، އެ ރޭގެ ސެކިއުރިޓީ ފުޓޭޖުތައް ދައްކަމުންދިޔަ ވަގުތު މައިކަށް އަރާފައިވާ އަޑުތައް ދެނެގަތުމުންނެވެ.

އެގޮތުން "މިނިސްޓަރު އަމީން އެބަ ގުޅާ ވަރަށް" މިފަދައިން ޕްރެސް ދިން ވަގުތު އެ ތަނުން އޮފިސަރަކު ވިދާޅުވާ އަޑު އިވެއެވެ. އެ ވަގުތު ދައްކަމުންދިޔައީ ސީސީޓީވީ ފުޓޭޖު ކަމަށްވާއިރު އަޑު ނަގާފައި ހުރީ ޕްރެސް ދޭން ތިބި ފުލުހުން ވާހަކަ ދައްކަން ޖަހާފައި ހުރި މައިކުންކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް ނޫސްވެރިން ސުވާލުކުރުމުން، ސީޕީ ވަނީ މި ތަހުގީގާ ގުޅިގެން މިނިސްޓަރު އަމީން ނުގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ވަރަކަށް ކަމާގުޅޭ އިދާރާއެއްގެ ވެރިޔަކަށް ނުގުޅާ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ޝާމިލްވާ މީހުންގެ ތެރޭގައި އަމީންގެ އާއިލާގެ ދެ މެންބަރަކުވެސް ހިމެނެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved